އިދިކޮޅު އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް ދިވެހި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާވާނެ ފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މެންބަރު މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެއެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެގެން އައި ފަހުން އެމްޑީޕީން ކުރި ފުރަތަމަ ވެރިކަމުން ފެށިގެން ވެސް ފެނިގެންދިޔައީ ކުންފުނިތަކަށް މީހުން އިތުރުކުރުމާއި، އެކި ނަންނަމުގައި ކޮމިޝަންތައް އުފައްދައިގެން އެ ބޭފުޅުންގެ ގާތް މީހުންނަށް ވަޒީފާ ދިނުމުގެ މަޝްރޫއެއް ފެށިގެން ދިޔަ މަންޒަރު ކަމަށެވެ.
އަދި ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަސް އަހަރުގެ ދައުރުގައި، އަންދާޒާ ނުކުރެވޭ މިންވަރަށް ސަރުކާރުގެ އެސްއޯއީތަކަށް މުވައްޒަފުން ވައްދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެކި ކުންފުނިތަކަށް ޖުމްލަ 10,986 މުވައްޒަފުން ވައްދާފައިވާ ކަމަށާއި، އޭގެ ސަބަބުން ދައުލަތުގެ ޕޭރޯލް އޮބިނޯންނަ ވަރަށް ބޮޑުވެ، ކުންފުނިތައް ދަރަނިވެ ހަލާކުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
”ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންނަށް ޚިދުމަތްދޭން ހަދާފައިވާ ކުންފުނިތައް ލޭ ހޮޅިއަށް ފައިބައިގެން ގޮސް އޮންނަ ހެން، އަބަދުވެސް ދައުލަތުން ލާރި ދީގެން ހިންގާ ހިސާބަށް ކުންފުނިތައް ދިޔައީމާ، ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން މި ހުޅުވާލީ އަމިއްލައަށް ވަކިވާން ބޭނުންވާ މީހުންނަށް އިނާޔަތްތަކެއް ދީފައި ވަކިވުމުގެ ފުރުސަތު،“ މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ނިމިދިޔަ ސަރުކާރުން އުފެއްދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޮމްބަޑްސްމަން އޮފީސް ފަދަ ތަންތަނަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، އެއީ ހަމައެކަނި ބަޔަކަށް މުސާރަ ދިނުމަށް ކުރި ކަމެއް ކަމަށެވެ. އެ ތަންތަނުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، ތާރީޚަށް ބަލާލުމުން އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާހުރި ކަމެއް ކޮށްފައި ނެތްކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުންފުނިތައް ހަމަ މަގަށް އަޅުވައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކަމަށެވެ.












