ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ޝަރަފުގައި އޮނަގާރޑެއް ވަނީ އަރުވާފައެވެ.
އިމާރާތް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއާރުސީސީގެ އައު އިމާރާތުގެ ނަން ކަޝްފުކޮށްދެއްވައި، ”އެމްއާރުސީސީ އޮޕްސްރޫމް“ ބައްލަވާލައްވާފައެވެ. އަދި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލެއްވުމުގެ އިތުރުން، އެ މަރުކަޒުގެ ގޯތިތެރޭގައި ހަނދާނީ ގަހެއް އިންދަވައިދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ރައީސް މުޢިއްޒު ދެއްވާ އިސްކަމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސިޒް އިޝިގާމީ ރޫމީކޯއާއި ޔޫއެން ރެޒިޑެންޓް ކޯޑިނޭޓަރ، ހައޮ ޒެންގ ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.
މި އިމާރާތަކީ ޖަޕާނު ސަރުކާރުގެ އެހީގައި 2022 ވަނަ އަހަރު ބިންގާ އަޅައި، ޔޫއެންއޯޑީސީގެ ވިލަރެސްކުރުމުގެ ދަށުން ބިނާކުރި ތަނެކެވެ. އަދި މިތަނަށް ބޭނުންވާ ޒަމާނީ އާލާތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ. މި އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި، ތަމްރީނުދޭ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ހިމެނެއެވެ.
1998 ވަނަ އަހަރުން ފެށިގެން އެކި ނަންނަމުގައި ހިންގަމުން އައި މި ސެންޓަރުގެ އައު އިމާރާތާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ވިލަރެސްކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ މުޙައްމަދު ސަލީމްގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި ބޭރުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.












