ތ. އަތޮޅުގެ ތަރައްޤީއަށް އަމާޒުކޮށްގެން 175 މިލިޔަން އެމެރިކާ ޑޮލަރުގެ ބިޔަ ޓައުންޝިޕް މަޝްރޫއެއް ހިންގުމަށް ބްލޫ ސިނަޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން ނިންމައިފިއެވެ.
”ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް“ ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރާ، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތައް ހިމެނޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ ދެމެދުގައި މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި މަޝްރޫޢަކީ މަލްޓި-އައިލެންޑް ކޮންސެޕްޓަށް ފަރުމާކޮށްފައިވާ، ދިރިއުޅުމަށް ބޭނުންވާ އެކި ފެންވަރުގެ ވަސީލަތްތަކާއި، ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެ މަޝްރޫޢެކެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މި މަޝްރޫޢުގައި ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ.
މި ބިޔަ މަޝްރޫޢު އަމަލީގޮތުން ހިންގައި ތަންފީޒު ކުރުމުގެ މަސައްކަތް ބްލޫ ސިނަޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޔާޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޖުތިމާއީ ތަރައްޤީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން އިންވެސްޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
ތ. އަތޮޅުގެ މަޝްރޫޢުގެ އިތުރުން، ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންގްސްއިން ހިންގާ 790 މިލިޔަން ޑޮލަރުގެ ’އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް‘ މަޝްރޫޢުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަން އިންވެސްޓް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ.









