ޓިކްޓޮކްގައި މަޝްހޫރު ދެ އަންހެނުން ކަމަށްވާ ޝެހެނާޒް އަދި ރުހުޝާ (ރޭޑިއޯ)، ހެލްތު މިނިސްޓްރީގެ އެއްވެސް ހުއްދައެއް ނެތި ބަރުދަން ލުއިކޮށްދޭ ކަމަށް ބުނާ ބާވަތެއް ފުޅާ ދާއިރާއެއްގައި ވިއްކަމުންދާ މައްސަލައެއް ފެންމަތިވެ، އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް މިކަން ވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ދެމީހުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި މި އުފެއްދުން އިޝްތިހާރުކޮށް، މީގެން ބޮޑު މާލީ މަންފާއެއް ހޯދަމުންނެވެ. އެގޮތުން ޝެހެނާޒް އިޝްތިހާރު ކުރަމުންދާ ގޮތުގައި، މި އުފެއްދުން ބޭނުންކޮށްގެން އެންމެ 30 ދުވަސް ތެރޭގައި 8 ކިލޯއާ ހަމައަށް ބަރުދަން ލުއިކޮށްދެއެވެ. އެއްވެސް ސިއްހީ ނުވަތަ ސައިންޓިފިކް ބެކްގްރައުންޑެއް ނެތި، ބަރުދަން ލުއިކޮށްދޭ ކަމަށް ބުނާ މި ކުނޑި ޕެކެޓެއް ވިއްކަނީ 300 ރުފިޔާއަށެވެ.
މި ކަމާއިގުޅިގެން ”އެކިއެމްވީ‘ އިން ހެލްތް މިނިސްޓްރީގެ ބަހެއް ހޯދިއިރު، އެ މިނިސްޓްރީން ބުނީ މިފަދަ ކަމެއް ކުރުމަށް އެ 2 ފަރާތުންވެސް އެއްވެސް ހުއްދައެއް މިހާތަނަސް ނަގާފައިނުވާކަމަށެވެ. އަދި މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިކަން ބަލާނެކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި، ބަރުދަން ލުއިކުރުމަށްޓަކައި ސައްހަ ނޫން ތަކެތި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެފްޑީއޭއިން ވިދާޅުވި ގޮތުގައި، ”ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު“ ގެ ދަށުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިތަކަށް ފަރުވާ ލިބޭނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ.
— MFDA (@MFDA_mv) July 23, 2026
ސިއްހީ މާހިރުން އިންޒާރުދޭ ގޮތުގައި، މިފަދަ އުފެއްދުންތަކުގައި ހިމެނޭ ’ކެސިއާ ސިނަމަން‘ އާއި ’ފެނިއުގްރީކް‘ ފަދަ މާއްދާތަކުން ފުރަމޭ ހަލާކުވުމާއި، ހަކުރު ދަށްވުމާއި، ހަޖަމުކުރުމުގެ ނިޒާމަށް ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެއެވެ. އަދި ހޯރމޯންތަކަށް ބަދަލު އައުމާއި، އެލާޖިކްވުމާއި، ހިތް ހުއްޓުން ފަދަ ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން މާހިރުން ފާހަގަކުރެއެވެ.
މީގެ ކުރިންވެސް މި ދެމީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން ”ފަހި ދިރިއުޅުން“ ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކެއް ނުއަގުގައި ކުއްޔަށް ދޭނެ ކަމަށް ބުނެ ހިންގި ސްކޭމެއްގައި ބައިވެރިވި މައްސަލަ ފަޅާއެރުމުން، އަމިއްލައަށް ”ވިކްޓިމް ކާޑު“ ކުޅެ އާންމުންނަށް އޮޅުވާލާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
އާންމުންގެ ސިއްހަތާ ގުޅުންހުރި މިފަދަ ނުރައްކާތެރި ކަމެއް ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާއިރު، ކަމާބެހޭ އިދާރާތަކުން މިހާތަނަށް އަމަލީ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 300 ރުފިޔާއަށް މީހުންގެ ސިއްޙަތާއި ކުޅެމުންދާ މިފަދަ ވިޔަފާރިތައް ވަގުތުން ހުއްޓުވައި، މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ސާފުވާންޖެހޭ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.













