އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ސަބަބުން، އެ ސަރަޙައްދުގައި މާބަނޑު އަންހެނުން ތަޙައްމަލު ކުރަމުންދާ ތަކުލީފުތައް އިންތިހާއަށް އިތުރުވެ، ބައިގެންދާ މީހުންގެ ޢަދަދު ބޮޑުތަނުން އުފުލިއްޖެއެވެ.
ދުނިޔޭގެ މަޝްރަޙުން ލިބޭ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ޣައްޒާގައި 3،958 މާބަނޑު އަންހެނުން ވަނީ ބައިގެންގޮސްފައެވެ. މިކަމާ ގުޅޭގޮތުން ޕަލަސްޓީނިއަން މެޑިކަލް ރިލީފް ސޮސައިޓީގެ ޑިރެކްޓަރ، ޑރ. ބައްސާމް ޒަޣޫތު ވިދާޅުވީ، ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު މުޅިން ފުނޑުފުނޑުވެފައިވާ ކަމަށެވެ. މީގެ ސަބަބުން މާބަނޑު މީހުންނަށް ބޭނުންވާ ޚާއްޞަ ފަރުވާއާއި ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް ދިނުމަށް ވަނީ ހުރަސް އެޅިފައެވެ.
ޑރ. ޒަޣޫތު ފާހަގަކުރެއްވި ގޮތުގައި، ބައިގެންދާ މީހުންގެ ޢަދަދު މިހާ ބޮޑަށް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ ޣައްޒާގެ މާބަނޑު އަންހެނުންނަށް ކުރިމަތިވެފައިވާ ނަފްސާނީ އަދި ޖިސްމާނީ ބުރަދަނެވެ. ގެދޮރު ގެއްލި، ރައްކާތެރިކަމެއް ނެތް ސަރަޙައްދުތަކަށް ތަކުރާރުކޮށް ބަދަލުވާން ޖެހުމާއި، ސުންނާފަތިވެފައިވާ މަގުތަކުގައި ނުރައްކާތެރި ވަޞީލަތްތައް ބޭނުންކޮށްގެން ދަތުރުކުރަން ޖެހުމަކީ މީގެ ބައެއް ސަބަބުތަކެވެ. މީގެ އިތުރުން، އެކަށީގެންވާ ބޯހިޔާވަހިކަމާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ އިތުރުން، ކޮންމެ ވަގުތަކުވެސް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރުވެރިކަމުގައި ދިރިއުޅެން ޖެހުމަކީ ބައިގެންދިޔުމަށް މަގުފަހިވާ މައިގަނޑު ކަންކަމެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާގައި މިހާރު ކޮންމެ 1،000 އަންހެނަކު ވިހާއިރު، 460 އަންހެނުން ބައިގެންދެއެވެ. މިއީ ޢާންމު ޙާލަތާ އަޅާބަލާއިރު ތިން ގުނަ އިތުރު ޢަދަދެކެވެ. މިދިޔަ އޭޕްރިލް މަހު އެކަނިވެސް 921 މީހުން ބައިގެންގޮސްފައިވާއިރު، އެ މަހު ވިހާފައިވަނީ 2،004 އަންހެނުންނެވެ.
ޣައްޒާގައި އުފަންވާ ކުދިންގެ ޢަދަދު ވެސް ދަނީ ހަލުވިކަމާއެކު ދަށަށް ވަމުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 6،076 ކުދިން އުފަންވި ނަމަވެސް، މި އަހަރުގެ މެއި މަހު އުފަންވީ އެންމެ 1،701 ކުދިންނެވެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ދަށަށް ދިއުމެކެވެ.
މި ނުރައްކާތެރި ޙާލަތާ ގުޅިގެން، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ގޮވާލަނީ، ޣައްޒާގައި ބައިގެންދާ މީހުންގެ ޢަދަދު އިތުރުވެ، އުފަންވާ ކުދިންގެ ޢަދަދު ދަށަށް ދަނީ ޔަހޫދީން ސީދާ އެ މަޤްޞަދުގައި ހިންގާ ރޭވުންތެރި ޢަމަލުތަކުގެ ސަބަބުންތޯ ބެލުމަށް މިނިވަން ތަޙުޤީޤެއް ހިންގުމަށެވެ.













