ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިންތީގެ ގޮތުން ދަށްކޮށްފައި އޮތް ގައުމީ މުހިންމު ދުވަސްތަކަށް މި ސަރުކާރުން ބޮޑު އިސްކަމެއްދީ އެފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީގެ ”ބޮޑު ހަބަރު“ ޕްރޮގްރާމްގައި މިނިސްޓަރު ހީނާ ވިދާޅުވީ، މީގެ ކުރިން މުހިންމު ދުވަސްތައް ”ބީ ގްރޭޑް“ ނުވަތަ އެއަށް ވުރެ ދަށް ފެންވަރެއްގައި ފާހަގަކުރާ ދުވަސްތަކެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.
”ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިތުުމުން ފެށިގެން ގައުމީ ދުވަސްތަކާއި ހާއްސަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި ގައުމިއްޔަތާއި ސަފާގަތާއި ކާފަބައިން ކުރައްވާފައިވާ ޖިހާދުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަރަށް ހާއްސަ އިސްކަމެއް އެބަ ދެއްވާ. އެގޮތުން މިހާރު މިނިވަން ދުވަހަކީވެސް ”އޭ ގްރޭޑް“ ގެ ގޮތުގައި ފާހަގަކުރާ ދުވަހެއް“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެހެން ގައުމީ ދުވަސްތައްވެސް ”އޭ ގްރޭޑް“ ގެ ދުވަސްތަކެއްގެ ގޮތުގައި ފާހަގަކުރަން ރައީސް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ފެށޭނީ ދިދަ ނެގުމުގެ ރަސްމިއްޔާތުން ކަމަށެވެ. އެއަށް ފަހު މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ސޯސަލް ސެންޓަރުގައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 26 ވަނަ ދުވަހުގެ ރޭ ހެވިކަމުގެ ހަރަކާތްތަކާއި ކުޅިވަރުތައް އޮންނާނެ ކަމަށެވެ. އަދި ސަފާގީ ކުޅިވަރު ހަރަކާތްތައްވެސް އޮންނާނެ ކަމަށެވެ.












