އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު 18 އަށް އަރައި، ހަނގުރާމައަށް ހޭދަވި ޚަރަދު 37.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިކަން އެމެރިކާގެ ޕެންޓަގަންއިން ކަށަވަރުކޮށްދީފިއެވެ.
ޕެންޓަގަންއިން ކަށަވަރުކޮށްދިން ގޮތުގައި، 18 ވަނައަށް މަރުވި ސިފައިންގެ މީހާއަކީ ނިއުޔޯކަށް ނިސްބަތްވާ އާމީ ސާޖަންޓް އެންޖެލް އެސް. ރާމްޕަރސާޑް (28 އަހަރު) އެވެ. އޭނާ މަރުވެފައިވަނީ އުރުދުންގައި ހުރި ’މުވަފަޤު ސަލްތީ‘ އެއާ ބޭހަށް އީރާނުން ދިން މިސައިލް ޙަމަލާއެއްގައެވެ. ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 100 އަށްވުރެ ގިނަ ސިފައިން ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ސެނެޓަށް ދިން މަޢުލޫމާތުގައިވާ ގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ވަނީ ހޭދަވެފައެވެ. މި ހޭދަތަކާ ގުޅިގެން އެމެރިކާގެ ކޮންގްރެސްއިން ދަނީ އިތުރު އަސްކަރީ ބަޖެޓެއް ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.








