ދައުލަތުގެ އިދާރާތަކަށް ހިދުމަތް ފޯރުކޮށްދިން ކަމަށް ބުނެ ސައްހަނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ސެންޓަ އެންޓަޕްރައިޒަސް އިން 410 މިލިއަން ރުފިޔާ ހޯދަން އުޅުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވައިފިއެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސެންޓަ އެންޓަޕްރައިޒަސް އިން ވަނީ 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި މުއައްސަސާތަކުން 410 މިލިއަން ރުފިޔާ ހޯދުމަށް ހަ މައްސަލައެއް ހުށަހަޅާފައެވެ.
މި ފައިސާއަކީ 2006 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލާއި ހިދުމަތުގެ އަގާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ފައިސާ ދައްކައި ނިމިފައިވާ މުއާމަލާތްތަކެއްކަން އޮޑިޓުން ވަނީ ސާބިތުކޮށްދީފައެވެ. މި ކުންފުނިން ފޯޖްކޮށްފައިވާ ސައްހަނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހެލްތު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ތެރެއިންނެވެ. މިކަން ފާހަގަކުރެވިގެން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މި މައްސަލަ ބެލުމަށް އޮޑިޓް އޮފީހަށާއި ފުލުހުންނަށް ހުށަހަޅާފައެވެ.
އެންމެ ބޮޑު އަދަދެއް ހޯދުމަށް އެ ކުންފުނިން ދައުވާކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން އައި ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އާ ދެކޮޅަށެވެ. އެގޮތުން 2006 އަދި 2008 ވަނަ އަހަރު ފޯރުކޮށްދިން މެޑިކަލް އިކުއިޕްމެންޓާއި ބޯފެން ރައްކާކުރާ 900 ކަޅުހަމުގެ އަގުގެ ގޮތުގައި ޖުމްލަ 189 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އޮޑިޓުން ހާމަވިގޮތުގައި 900 ކަޅުހަން ފޯރުކޮށްދިން ކަމަށް ބުނާ މަސައްކަތަކީ ފިނޭންސް މިނިސްޓްރީން އެއްވެސް އިރެއްގައި އިއުލާނުކޮށްފައިވާ މަސައްކަތެއް ނޫނެވެ. އަދި ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ ވެސް ހެލްތު މިނިސްޓްރީގައި މަސައްކަތްކޮށްފައިނުވާ ފަރާތަކުންނެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން 169 މިލިއަން ރުފިޔާ ހޯދުމަށާއި، އެންވަޔަރްމެންޓް މިނިސްޓްރީން 32 މިލިއަން ރުފިޔާ އަދި އެމްއެމްއޭސީއެލް އިން 21 މިލިއަން ރުފިޔާ ހޯދުމަށްވެސް ސެންޓަ އެންޓަޕްރައިޒަސް އިން ވަނީ ހުށަހަޅާފައެވެ.
ކުންފުނީގެ ހިންގުން އަދި އޮޑިޓާ ޖެނެރަލްގެ ލަފާބިޒްނަސް ރަޖިސްޓްރީން ދައްކާގޮތުގައި ސެންޓަ އެންޓަޕްރައިޒަސް އަކީ މުހައްމަދު ޖާމިޒާއި އަބްދުﷲ އާރިފް އިސްކޮށް ތިއްބަވައިގެން ހިންގާ ކުންފުންޏެކެވެ.
މީގެ އިތުރުން ގްރައުންޑް ރީޓެއިލް އާއި ކޭޝް އެންޑް ކެރީގެ ނަމުގައި އިތުރު ދެ ވިޔަފާރި ވެސް މި ކުންފުނީގެ ދަށުން ހިންގާކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކައެވެ.
އޮޅުވާލައިގެން ދައުލަތުން ބޮޑެތި އަދަދުތަކެއް ހޯދުމަށް މަސައްކަތްކޮށްފައިވާކަން ހާމަވުމާ ގުޅިގެން، އޮޑިޓާ ޖެނެރަލް ވަނީ މި މައްސަލައިގައި ޝާމިލުވާ އެންމެހާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ލިޔެކިޔުންތަކުގެ ފޮރެންސިކް ތަހުގީގެއް ހަދައި، ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދެއްވާފައެވެ









