އާސަންދަ ސްކީމުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ފާމަސީތަކަށް ކަމަށާއި، މިދިޔަ އަހަރުވެސް ބަޖެޓުގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއް ހޭދަވީ ބޭސް ފޯރުކޮށްދިނުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. ޒީނިޔާ މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޒީނިޔާ ވިދާޅުވީ، އާސަންދަ ސްކީމުން ބޭސްފަރުވާ ކުރުމަށްޓަކައި އެއް އަހަރުން އަނެއް އަހަރަށް ބަޖެޓް އިތުރުވަމުންދާއިރު، ފާމަސީތަކަށް ކުރާ ހޭދަ އުޅެނީ ވަރަށް މަތީގައި ކަމަށެވެ. ފާމަސީތަކުގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގަނީ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދައިން ފައިސާ ދައްކަންޖެހޭ (ޕޭބަލް) ބައިގެ ބޮޑު ބައެއް އޮންނަނީ އަމިއްލަ ސެކްޓަރަށެވެ. ސަރުކާރުގެ ސިއްހީ މަރުކަޒުތަކަށް އެފަދަ ޕޭއައުޓެއް ކުރަން ނުޖެހޭއިރު، މުޅި ޚަރަދުގެ ބޮޑުބައި ދަނީ އަމިއްލަ ފަރާތްތަކުން ހިންގާ ފާމަސީތަކާއި ހޮސްޕިޓަލްތަކަށެވެ.
ރާއްޖެއިން ބޭރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، މިހާރުވެސް އިންޑިއާ، ސްރީލަންކާ، ތައިލޭންޑް އަދި ޔޫއޭއީ ހިމެނޭހެން 57 ހޮސްޕިޓަލަކާއެކު އާސަންދައިން އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުންތައް ހަދަނީ އެތަންތަނުން ލިބޭ ޚިދުމަތުގެ ފެންވަރާއި، އަގުތަކަށް ބެލުމަށްފަހު އެންމެ ފައިދާހުރި ޕެކޭޖްތަކާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރަށް އާސަންދަ ސްކީމްތަކަށް 2.02 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެކި ސްކީމްތަކަށް ދަޢުލަތުން ވަނީ 1.18 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތައިގެ އިތުރުވުމެކެވެ.
އާސަންދަ ޚަރަދުތައް އިތުރުވަމުންދާއިރު، ދަޢުލަތުން މެޑިކަލް ވެލްފެއަރއަށް ކުރާ ޚަރަދު ވަނީ މިދިޔަ އަހަރަށްވުރެ 30.9 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިމަހުގެ 16 އާ ހަމައަށް މެޑިކަލް ވެލްފެއަރއަށް ޚަރަދުވެފައިވަނީ 127.9 މިލިޔަން ރުފިޔާއެވެ. ސަރުކާރުން އަންނަނީ އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ހިންގާ ސްކީމަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.












