ހދ. ހަނިމާދޫ ބަނދަރު ބޭރުތޮށީގައި އޮތް ލޯންޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓުގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓަށް ލިބިފައިވަނީ ރޭ 00:15 ހާއިރުއެވެ. މައުލޫމާތު ލިބުމާ އެކު، ހަނިމާދޫ ޕޯސްޓުގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 00:45 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދަތުރަށް ފުރުމަށްޓަކައި ލޯންޗުގެ އިންޖީނު ސްޓާޓްކުރި ވަގުތު އިންޖީނުގައި އަލިފާން ރޯވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ލޯންޗުގެ ކެޕްޓަން ފިހި، އެކި ވަރުގެ އަނިޔާތައް ލިބިފައިވުމާ އެކު، ހަނިމާދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.












