ދިވެހި ފުލުހުންގެ ހިދުމަތުގެ ފަންނީ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތައް ހަރުދަނާކޮށް، ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ”ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް 2026“ ރަސްމީކޮށް ފަށައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދިގު ތާރީހުގައި މިފަދަ ގޮތަކަށް ފަރުމާކޮށްގެން ހިންގޭ ފުރަތަމަ ރީ-ޓްރެއިނިންގ ޕްރޮގްރާމެވެ. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ސެންޓަރ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިޔުރިޓީ ސްޓަޑީޒް އިން އިންތިޒާމުކުރާ މި ޕްރޮގްރާމް ކުރިއަށްދަނީ ދ. ވާނީގައެވެ.
މި ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ތަފާތު ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވުމެވެ. އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ، ޒިންމާދާރު އަދި ފަންނީ މުއައްސަސާއެއް ބިނާކުރުމަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަކީވެސް މި ތަމްރީނުގެ ބޭނުމެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް އުނގަންނައިދޭ ބައެއް މުހިންމު މޮޑިއުލްތަކުގެ ތެރޭގައި އިންޓާނަލް އެތިކްސް، ޑިޖިޓަލް ޓްރާންސްފޮމޭޝަން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އޮޕަރޭޝަނަލް ޕޮލިސިންގ ހިމެނެއެވެ. މީގެ އިތުރުން، ސިނާރިއޯ ބޭސްޑް ޓްރެއިނިންގ އާއި ކޭސް ސްޓަޑީޒްގެ އެހީގައި، ކުއްލި ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމުގެ ހުނަރާއި، މުއާމަލާތް ކުރުމުގެ ފެންވަރު މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ.
މުއައްސަސާގެ ކުރިއެރުމަށާއި އައު އީޖާދުތަކަށް ފުލުހުން ތައްޔާރުކުރުމަށް ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ބުރު އަމާޒުކޮށްފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށެވެ. އެގޮތުން ކޮންސްޓަބަލް ރޭންކުން ފެށިގެން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކާ ދެމެދުގެ 98 ފުލުހަކު މިހާރު ދަނީ މި ތަމްރީނު ފުރިހަމަކުރަމުންނެވެ.
މި ޕްރޮގްރާމަކީ ސަރުކާރުން ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.














