މާފަންނުގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. މި ދަނޑަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަރައްޤީކުރި ދަނޑެކެވެ.
މި ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަނޑު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި މަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން، އެ ވުޒާރާއިން ފޯރުކޮށްދިން ތަކެތި ބޭނުންކޮށްގެން އާރުޑީސީއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިއީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ނިންމި މަސައްކަތެކެވެ.
މި ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން އެ ވުޒާރާއިން ފޯރުކޮށްދިން ތަކެތި ބޭނުންކޮށްގެން މާފަންނު ދަނޑުގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ދަނޑު ހުޅުއްވައިދެއްވީ… pic.twitter.com/gGou4INCYv
— Road Development Corporation Ltd (@rdcmaldives) July 19, 2026
މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްޠަފާ އިބްރާހީމް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އާ ފުޓްސަލް ދަނޑާއެކު، މާފަންނު ސަރަޙައްދުގައި ދިރިއުޅޭ ޒުވާނުންނަށް ކުޅިވަރު ކުޅުމަށާއި އިޖުތިމާއީ ބައްދަލުވުންތަކަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.








