ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްތަކުގެ ތެރެއިން 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ހިޔާ ޓަވަރު 8 ގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:27 އެހައިކަންހާއިރުއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން އެޕާޓްމަންޓުގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގެ ބަދިގެ ސަރަހައްދުގައެވެ. އަލިފާނުގެ ސަބަބުން ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.












