ދިވެހިރާއްޖޭގެ އިގްތިސާދީ ދޮރާށި ބެލެހެއްޓުމުގެ މުހިންމު ޒިންމާ އުފުލަމުންދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 136 އަހަރު ފުރިގެންދާއިރު، ފާއިތުވި ދެ އަހަރާއި ބައިގެ މުއްދަތަކީ އެ މުއައްސަސާގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ދުވަސްތަކެކެވެ. ހިދުމަތްތައް ޒަމާނީކުރުމާއި، ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކަސްޓަމްސްއިން މިހާރު ދަނީ އިންގިލާބީ ބަދަލުތަކެއް ތައާރަފްކުރަމުންނެވެ.
ޑިޖިޓަލް އިންގިލާބެއް: ވިޔަފާވެރިންނަށް ލިބުނު ބޮޑު ލުޔެއް
ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަކީ މި ދައުރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެވުނު އެއް ދާއިރާއެވެ. އެގޮތުން، އޮންލައިން ކޭސް ޑިކްލަރޭޝަނާއި އެޑްވާންސް އީ-އެޖެންސީ ހުއްދަ ދޫކުރަން ފެށުމަކީ ވިޔަފާރިވެރިންނަށް ކަރުދާހުގެ މުއާމަލާތްތަކުން ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ހަމައެއާއެކު، ވިޔަފާވެރިންނަށް ބޭނުންވާ ތަފާސްހިސާބުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައި، ”ކްލިއަރ ކާގޯ މެނޭޖްމަންޓް ސިސްޓަމް“ ތައާރަފްކުރުމާއެކު، މުދާ ކްލިއަރ ކުރުމުގެ ދުވެލި ވަނީ އެތައް ގުނައެއް އަވަސްވެފައެވެ. މި ހުރިހާ ބަދަލެއްގެ މައިގަނޑު މަގްސަދަކީ ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމެވެ.
ކަސްޓަމްސްގެ ހިދުމަތްތައް އައްޑޫ ސިޓީ މަރަދޫއަށާއި މާފަރަށް
ކަސްޓަމްސްގެ ހިދުމަތްތައް މަރުކަޒީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅުތަކަށް ހިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ދެކުނުގެ ކަސްޓަމްސް ސަރަހައްދީ އޮފީސް އައްޑޫ ސިޓީ މަރަދޫގައި ވަނީ ހުޅުވާފައެވެ. މީގެ ކުރިން ވެސް ކަސްޓަމްސްގެ ހިދުމަތް އައްޑޫ ސިޓީގައި ދެމުންއައީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހިތަދޫ ޕޯޓް ލިމިޓެޑުގައި ގާއިމްކޮށްފައިވާ އޮފީހުގައެވެ. މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ކަސްޓަމްސްއިން ދެކެއެވެ.
ހަމައެހެންމެ، ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސްގެ އޮފީހެއް ގާއިމްކުރުމަކީ، އެ ސަރަހައްދުގެ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރެވި، ރާއްޖޭގެ އެހެން މައި ދޮރާށިތަކޭ އެއްފަދައިން އެއެެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮންނާނެ ކަމަށް ސަރުކާރުން ދެކެއެވެ.
ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވިއްޖެ
ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި ކަސްޓަމްސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކޮށް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެސް 200 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލާގަނެވިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ބޯޑަރު އެންފޯސްމަންޓްގެ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ގޮތުގައި ކަސްޓަމްސްއިން ދެކެއެވެ.
ވަސީލަތްތައް އިތުރުކުރުމުގައި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ އެހީތެރިކަން
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ކަނޑުގެ ސަރަހައްދު މޮނިޓަރކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގައި ބައިނަލްއަގުވާމީ އެކި ގައުމުތަކުގެ އެހީތެރިކަން ވަނީ ލިބިފައެވެ. މިގޮތުން ލިބުނު މާލީ އެހީތެރިކަމުގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި އެންމެފަހުގެ ޒަމާނީ ޑްރޯންތަކާއި ޖަޕާނު ސަރުކާރުން ހަދިޔާކުރި 82 ފޫޓުގެ ޕެޓްރޯލް އުޅަނދަކީ މި މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ވަސީލަތްތަކާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އޮޕަރޭޝަނަލް ގާބިލުކަން ވަނީ ވަރަށް ބޮޑަށް ހަރުދަނާވެފައެވެ.
ކަސްޓަމްސްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވި، ހަރުދަނާ ކުރެވުމުގެ އެންމެ ބޮޑު ފައިދާއެއް ކުރަނީ އާންމު ރައްޔިތުންނަށެވެ. 136 އަހަރުގެ ދިގު ތާރީހެއް އޮތް ކަސްޓަމްސް ސަރވިސްއިން މިއަދު ފެންނަނީ، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ރައްކާތެރިކަމާއި އިގްތިސާދީ ހަމަޖެހުމަށްޓަކައި ސާބިތުކަމާއެކު ކުރިއަށްދާ މަންޒަރެވެ. މި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ހޯދާފައިވާ މި ކާމިޔާބީތަކަކީ މުސްތަގުބަލުގައި މިއަށްވުރެ ބޮޑެތި ކުރިއެރުންތައް ކަސްޓަމްސްއިން ހޯދުމަށް ލިބިގެންދާނެ ހިތްވަރެއްކަން ޔަގީނެވެ.




