މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން، 13 ރަށެއްގައި 2100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ”ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް“ ގެ ދަށުން ހިންގާ މި މަޝްރޫޢަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ބީލަން ހުށަހެޅޭނީ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މަޝްރޫޢު ކުރިއަށްދާނެ ގޮތާއި މޮޑެލް: މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ”ބިލްޑް-އެންޑް-ސެލް“ މޮޑެލްގެ ދަށުންނެވެ. މިއީ އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (EPC) މެތަޑަށް ހިންގާ މަޝްރޫޢެކެވެ. މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމުގެ އިތުރުން އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ. ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، މަސައްކަތް ފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި ޔުނިޓްތައް ނިންމައި ހަވާލުކުރަންޖެހޭނެއެވެ.
ޔުނިޓްތަކުގެ ތަފްޞީލު: ތަރައްޤީކުރާ ކޮންމެ އެޕާޓްމަންޓެއްގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭނެއެވެ. މި ތަންތަނުގައި ހިމެނޭނީ:
- 3 ކޮޓަރީގެ އެޕާޓްމަންޓްތައް.
- ސައިކަލް ޕާކުކުރާނެ ހިލޭ ޖާގަ.
- އިމާރާތުގެ ތިރީ ބައިގައި ވިޔަފާރި ބޭނުންތަކަށް ޚާއްޞަ ޖާގަ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޔުނިޓްތަކުގެ %60 ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައި، އެންމެ ގިނަވެގެން 1.5 މިލިޔަން ރުފިޔާއަށެވެ. ބާކީ %40 ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރަށް ލިބޭނެއެވެ.
ހައުސިންގ ޔުނިޓްތައް ތަރައްޤީކުރާ ރަށްތައް:
މި މަޝްރޫޢުގެ ދަށުން ހއ. ހޯރަފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، މ. މުލި، ދ. މީދޫ، ލ. ގަން، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ އެކި އަވަށްތައް (ހިތަދޫ، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ) ހިމެނޭހެން ޖުމްލަ 2100 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި މަޝްރޫޢަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރުމުގައި ޑިއުޓީ އިސްތިސްނާވުމާއި، ޔުނިޓްތައް ވިއްކާއިރު ޖީ.އެސް.ޓީ ދައްކަން ނުޖެހުން ހިމެނެއެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން proposal@infrastructure.gov.mv އަށް އީމެއިލް ކުރަންޖެހޭނެއެވެ. އަދި ޕްރޮޕޯޒަލްތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.










