މި އަހަރުގެ ޖޫން މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ މެއި މަހާ އަޅާބަލާއިރު 18.0 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތައިގެ ދަށްވުމެކެވެ.
ރިޒާވްގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިއަން ޑޮލަރުގައެވެ. މިއީ މިދިޔަ މެއި މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހުގެ 203 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 23 އިންސައްތައިގެ އިތުރުވުމެކެވެ.
ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. ވަކިން ހާއްސަކޮށް ބޭންކިންގ ނިޒާމާއި އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިދިޔަ މާރިޗު މަހު ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް 645.0 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފާހަގަކުރެވިފައިވަނީ އޭޕްރީލް މަހުއެވެ.
ދައުލަތުގެ ދަރަނި ދެއްކުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފާއިތުވި ދެ ސަރުކާރުން 5 އަހަރުގެ ތެރޭގައި ދެއްކި މިންވަރަށްވުރެ އިތުރަށް، މި ސަރުކާރުގެ ފުރަތަމަ 2 އަހަރާއި ބައިގެ ތެރޭގައި ދަރަނި ދައްކާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 1.29 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މި ސަރުކާރުގެ ދައުރުގައި ނެގި 4.9 މިލިއަން ޑޮލަރާއި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ހިމެނެއެވެ.
މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. މިއީ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ އާ ގަވާއިދުގެ ސަބަބުން ރިޒާވަށް ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށް ވޯލްޑް ބޭންކުގެ ”މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް“ ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުވުމާއި ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު، 2025 ވަނަ އަހަރު ބަޖެޓުގެ ޑެފިސިޓް 5.1 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 4.3 އިންސައްތައެވެ.













