Sunday, 26 July 2026

Ads by

ފައިސާ ޗާޕުކޮށް، ޤައުމު ބަނގުރޫޓުކުރި މޭސްތިރިޔާ ދައްކާލާ ވާހަކަ، އަޖައިބެއް ނުވާނެތަ؟

އެކި ގްރެފިކްސް: ހުސެން ފައުޒާން

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި ދައުލަތުގެ ދަރަނި އެންމެ ބޮޑަށް އުފުލިގެންދިޔަ އެއް ދުވަސްވަރަކީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ދުވަސްވަރެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުގެ މާލީ ކަންކަން ރޭވުމާއި ހިންގުމުގެ އެންމެ އިސް ފަރާތަކަށް ހުންނެވީ އޭރުގެ މާލީ ވަޒީރު އިބްރާހީމް އަމީރެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 48 ބިލިއަން ރުފިޔާގައި ހުރިއިރު، އެ ސަރުކާރުގެ ދައުރު ނިމުނުއިރު އެ ޢަދަދު ވަނީ 120 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 110 އިންސައްތައަށްވުރެ މަތީ ޢަދަދެކެވެ.

މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށާއި، ބަޖެޓު ޑެފިސިޓް ފޫބެއްދުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުންނާއި އެކުވެރި ދައުލަތްތަކުން ވަނީ ބޮޑެތި ލޯނުތައް ނަގާފައެވެ. މީގެ ތެރޭގައި ބޮޑު އިންޓަރެސްޓު ރޭޓުގައި ވިއްކާފައިވާ ސުކޫކާއި، އަވަށްޓެރި ޤައުމުތަކުން ނަގާފައިވާ ކްރެޑިޓް ލައިންތައް ހިމެނެއެވެ. މި ލޯނުތައް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވެ، ދައުލަތުގެ ފަރާތުން ސޮވެރިން ގެރެންޓީތައް ދޫކުރެއްވީ މާލީ ވަޒީރުގެ ހައިސިއްޔަތުން އަމީރެވެ. މާލީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ދަރަނި އަދާކުރެވޭނެ ޤާބިލުކަން ހުރި މިންވަރަށް ނުބަލައި، މާލީ ވުޒާރާއިން ދޫކުރި މި ގެރެންޓީތަކާއި ނެގި ލޯނުތަކުގެ ސަބަބުން މިއަދު ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަންޖެހިފައިވަނީ ދަރަނި އަދާކުރުމަށެވެ. އެހެންކަމުން، ރާއްޖެ ދަރަނިވެރިކުރުމުގެ މައިގަނޑު މޭސްތިރިއަކީ އޭރުގެ މާލީ ވަޒީރުކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ނަމަވެސް، މިއަދު ގިރުވާން ކޮޅަށް ޖަހައިގެން ހުންނަވައި އަމީރު އެ ތުހުމަތުތައް އެ އަޅުއްވަނީ މިއަދުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިސްތަށިފުޅުގައެވެ.  އަމީރު ވިދާޅުވި ގޮތުގައި މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އިގްތިސާދު ފުނޑާލާފައި ކަމަށާއި ދަރަނީގެ ވާހަކަ ދައްކަން އޭނާ ކުފޫ ހަމަނުވާ ކަމަށެވެ. އެހެންކަމުން ދެން މި ބަލާލަނީ އަމީރުގެ މޭސްތިރިކަމުގައި ރާއްޖޭގެ އިގްތިސޯދު ފުނޑާލަން ކުރި މަސައްކަތުގެ ކުޑަ މިންވަރަކަށެވެ.

ޤާނޫނު ސަސްޕެންޑުކޮށް މިންގަނޑެއް ނެތި ފައިސާ ޗާޕުކުރުން

ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވުމުގެ އިތުރުން، އެ ސަރުކާރުގެ މާލީ ވުޒާރާއިން އެޅި އެންމެ އާދަޔާޚިލާފު އަދި ނުރައްކާތެރި އެއް ފިޔަވަޅަކީ މިންގަނޑެއް ނެތި ފައިސާ ޗާޕުކުރުމެވެ. 2020 ވަނަ އަހަރު ކުރިމަތިވި ކޯވިޑް- 19ގެ އާލަމީ ވަބާއާ ގުޅިގެން ކަމަށް ބުނެ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މުހިންމު މާއްދާތަކަކަށް އަމަލުކުރުން ސަސްޕެންޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އަމީރެވެ. މި ހުއްދައިގެ ދަށުން، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓުން އޯވަރޑްރޯ ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދިޔައެވެ.

ފުރަތަމަ އެއް އަހަރު ދުވަހަށް ދިން މި ހުއްދަ، އެކި ފަހަރު މަތިން އައުކުރަމުން ގޮސް، 2023 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ވަނީ 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއްވެސް ސަރުކާރަކުން މިހާ ގިނަ ޢަދަދަކަށް ފައިސާ ޗާޕުކުރި ފުރަތަމަ ފަހަރެވެ. ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންނާއި، ރާއްޖޭގެ އިޤްތިޞާދީ މާހިރުން ވަނީ މިގޮތަށް ފައިސާ ޗާޕުކުރުމަކީ ރާއްޖޭގެ ފައިސާގެ އަގު ވެއްޓި، އިންފްލޭޝަން މައްޗަށް ދާނެ ކަމެއްކަމަށް ބުނެ އެތައް ފަހަރަކު އިންޒާރުދީފައެވެ. އެހެންނަމަވެސް، މާލީ ވުޒާރާއިން އެ އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމުގެ ނަތީޖާއަކަށްވީ، ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، ކާބޯތަކެއްޗާއި އާންމު ޚިދުމަތްތަކުގެ އަގުތައް ބޮޑުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިއުމެވެ.

ވެންޓިލޭޓަރުގެ ބޮޑު ވައްކަމާއި މާލީ ވުޒާރާގެ އިހުމާލު

އިބްރާހީމް އަމީރުގެ ވަޒީރުކަމުގައި މާލީ ވުޒާރާއަށް އަމާޒުވި އެންމެ ބޮޑު ކޮރަޕްޝަންގެ ތުހުމަތަކީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހިންގި ވެންޓިލޭޓަރުގެ ބޮޑު ވައްކަމެވެ. ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ހަވާލުކުރިއިރު، އެ މަސައްކަތުގެ އަގެއްގެ ގޮތުގައި 34 މިލިއަން ރުފިޔާ ކަނޑައެޅިއެވެ. އޭގެ ތެރެއިން 90 އިންސައްތައަށްވާ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެއްވެސް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާ ނުލައި، އަދި ޕަރފޯމަންސް ގެރެންޓީއެއްވެސް ނެތި ދޫކުރުމަށް ހުއްދަ ދިނީ މާލީ ވުޒާރާއިންނެވެ.

މި މައްސަލައިގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ޚާއްޞަ އޮޑިޓް ރިޕޯޓުން ހާމަވިގޮތުގައި، މި ފައިސާ ދޫކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދާ ކަނޑައެޅިގެން ޚިލާފަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގި މި މުޢާމަލާތުގައި މާލީ ވުޒާރާއިން އެކަށީގެންވާ ފެންވަރަށް ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤުތަކުންވެސް ވަނީ ސާބިތުވެފައެވެ. އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ޚަޒާނާއިން ބޭރުވެގެން ދިޔައިރު، މިއަދާ ހަމައަށްވެސް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައިނުވާއިރު، އެ ފައިސާވެސް ދައުލަތަށް އަނބުރާ ހޯދިފައެއް ނުވެއެވެ. މިއީ މާލީ ވަޒީރުގެ ހައިސިއްޔަތުން އަމީރުގެ ސީދާ ބެލުމުގެ ދަށުން ހިންގާފައިވާ ދައުލަތުގެ ފައިސާގެ ބޮޑު ޚިޔާނާތެއްކަމަށް ސިޔާސީ ފަރާތްތަކުންނާއި އާންމު ރައްޔިތުން އަންނަނީ ސިފަކުރަމުންނެވެ.

މި ހުރިހާ ކަމަކަށް ރިޢާޔަތްކުރާއިރު، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމު ހިންގުމުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެއްކޮޅުން ބޮޑެތި ލޯނުތައް ނަގައި ދައުލަތް އިންތިހާއަށް ދަރަނިވެރިކުރުމާއި، އަނެއްކޮޅުން އިޤްތިޞާދީ އުސޫލުތަކާ ޚިލާފަށް ބިލިއަނުން ފައިސާ ޗާޕުކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން ދަށަށް ގޮސް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދިޔަ ކަންކަމެވެ. މީގެ އިތުރުން ވެންޓިލޭޓަރު މައްސަލަ ފަދަ ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކަށް މަގުފަހިވާގޮތަށް ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމަކީ މާލީ ވުޒާރާގެ ނާޤާބިލުކަން ހާމަވެގެންދިޔަ ކަމެކެވެ.

މިއަދު ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ބޭރު ފައިސާގެ ތާށިކަމާއި، ދަރަނި އަދާކުރުމުގެ ބޮޑު ބުރައަކީ ސީދާ ކުރީގެ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ނަތީޖާއެވެ. މި ކަންކަމުގެ އެންމެ އިސް މޭސްތިރިއަކީ އޭރުގެ މާލީ ވަޒީރު އިބްރާހީމް އަމީރު ކަމުގައި އިޤްތިޞާދީ ދިރާސާކުރާ ފަރާތްތަކުންނާއި މާލީ ދާއިރާގެ ތަޖުރިބާކާރުން އިއްތިފާޤުވެއެވެ. މި ސިޔާސަތުތަކުގެ ސަބަބުން އުފެދިފައިވާ މާލީ އަނދަވަޅުން ސަލާމަތްވުމަށްޓަކައި، މިހާރުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވާންޖެހިފައެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް