ދިވެހި މަސްވެރިން ބާނާ ފަރުމަހުގެ ބާވަތްތައް ރިސޯޓުތަކަށް ސީދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) އިން އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް، ވަކިން ހާއްސަކޮށް މާލެ ސަރަހައްދާއި ރިސޯޓުތައް ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ރިސޯޓުތަކަށް މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މަހުގެ ބާވަތްތައް ޕްރޮމޯޓުކުރުމަށްޓަކައި މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏަކީ ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕްރޮމޯޓްކޮށް، މަސްވެރިންނަށް އެ މަސް ވިއްކޭނެ ގޮތްތަކެއް ހޯދައިދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
”ރައީސް އެބައޮތް މަހުގެ ބާވަތްތައް ޕްރޮމޯޓުކުރުމަށްޓަކައި ކުންފުންޏެއް ހާއްސަކޮށްދެއްވާފައި. އެ ކުންފުނީގެ ބޭނުމަކީ ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކޮށް، މަސްވެރިންނަށް އެ މަސް ވިއްކޭނެ ގޮތްތަކެއް ހޯދައިދިނުން،“ – މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރުވެސް ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކަށް މަސް ވިއްކޭނެ އިންތިޒާމުތައް އެ ކުންފުނިން ހަމަޖައްސައިދީފައިވާ ކަމަށާއި ނަމަވެސް، އަދިވެސް އެދެވޭ ހައްލެއް މިކަމަށް ނުލިބޭތީ، ކުންފުނީގެ މައިގަނޑު މަގްސަދަކީ ދިވެހި ބާޒާރަށް މަސްވެރިން ބާނާ މަސް ފަސޭހައިން ވިއްކޭނެ މަގު ފުޅާކޮށް ފަހިކޮށްދިނުން ކަމަށެވެ.












