މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 868 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު މި އާމްދަނީގެ ތެރެއިން 667 މިލިއަން ޑޮލަރަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި އެކި ބާވަތްތަކުގެ ފީތަކުގެ ގޮތުގައި 200 މިލިއަން ޑޮލަރު ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ކަމަށް މީރާއިން ބުނެއެވެ. މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު ޑޮލަރު އާމްދަނީގެ 66 އިންސައްތަ ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 431 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 399 މިލިއަން ޑޮލަރާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 73 މިލިއަން ޑޮލަރު، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 70 މިލިއަން ޑޮލަރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 69 މިލިއަން ޑޮލަރު އަދި ގްރީން ޓެކުހުގެ ގޮތުގައި 79 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހުރިހާ ދާއިރާއަކުން ލިބުނު އާމްދަނީ ވެސް ވަނީ ވޭތުވެދިޔަ އަހަރަށްވުރެ މަތިވެފައެވެ.
ޖުމްލަގޮތެއްގައި، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކުހާއި އެކި ފީތަކުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 19 ބިލިއަން ރުފިޔާއަށް އަރާފައެވެ.












