ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި ބަރަކާތްތެރި ފޮތް ކަމަށާއި، އެ ފޮތް ކިޔަވައި އެއަށް ޢަމަލުކުރުމަކީ ހުރިހާ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލުކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން“ މި މައުޟޫޢުގެ މައްޗަށެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤުރްއާނުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅަކާ ޙަވާލާދީ ޚުޠުބާގައި ބުނީ، ﷲގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ހޭދަކޮށް އުޅޭ މީހުންނަކީ ދުވަހަކުވެސް ގެއްލުންނުވާނޭ ވިޔަފާރިއަކަށް އެދޭ ބައެއް ކަމަށެވެ.
”ހަމަށަވަރުން، اللَّهގެ ފޮތް ކިޔަވައި، އަދި ނަމާދު قائمކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތީން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުންނުވާނޭ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.“
ޤުރްއާން ކިޔެވުމުގެ މާތްކަމަށް ބަލާއިރު، އެއީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ އަޅުކަމެއް ކަމަށާއި، އެއީ ބަލިތަކަށް އޮތް ޝިފާއެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ޤިޔާމަތް ދުވަހު އެ ފޮތް ކިޔަވާ މީހާއަށް ޤުރްއާން ޝަފާޢަތްތެރިވާނެ ކަމަށާއި، ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު ލިބޭނެކަން ރަސޫލާގެ ޙަދީޘްފުޅުތަކުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، މިސްކިތްތަކުގައި ޤުރްއާން ކިޔަވައި، އުނގެނި ދަސްކުރާ މީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެ ކަމަށާއި، މަލާއިކަތްބޭކަލުން އެބައިމީހުން ވަށައިލައްވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ޛިކުރުކުރުމުގެ ސަބަބުން ހަށިގަނޑަށް ބާރުވެރިކަން ލިބި، ކުރަން އުނދަގޫ ކަންކަން ފަސޭހަވެގެންދާނެ ކަމަށް އިމާމް އިބުނުލް ޤައްޔިމްގެ ބަސްފުޅަކާ ޙަވާލާދީ ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ޤުރްއާން ކިޔެވުމުގައި ކުޅަދާނަ މީހުންނާއި، އުނދަގުލާއެކު އަޅައަޅައިގަނެގެން ކިޔަވާ މީހުންނަށްވެސް މަތިވެރި ދަރުމަ ހުރިކަން ބަޔާންކޮށްފައެވެ. އަދި ހުރިހާ ހެޔޮކަމެއް ވަނީ ﷲގެ ފޮތުގައި ހިފެހެއްޓުމުގައި ކަމަށްވާތީ، އެ ފޮތުގެ އަމުރުތަކަށް ބޯލަނބައި، ތަޤުވާވެރިވުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ ވަޞިއްޔަތްކޮށްފައެވެ.












