އިންޑިއާގެ ބިހާރު ސްޓޭޓްގެ ސަރަން ޑިސްޓްރިކްޓްގައި ހިންދޫ ހަރުކަށި ފިކުރު ގުންޑާއިން ޖަމާޢަތް ހަދައިގެން ޝަރުޢީ ޙިޖާބުން އައުރަ ނިވާކޮށްގެން ހުރި މުސްލިމް އުޚްތަކު ރަހީނުކޮށް، ބިރުދައްކައިގެން އެއުޚްތާގެ މޫނު ފޮތިކޮޅު ނަގުވާ، ހިންދޫ ދީނުގެ ކައިވެނީގެ އަޅުކަންތައް ކުރުވަން މަޖުބޫރުކުރި މުޅި އިސްލާމީ އުއްމަތަށް ލަދުވެތި ޙާދިސާއެއް ފެން މަތިވެއްޖެއެވެ. މީޑިއާތަކުގެ ޚަބަރުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތަކާ މާހިރުންގެ އިންޒާރުތަކުންވެސް ހާމަވާ ފަދައިން، އިންޑިއާއަކީ މިއަދު މުސްލިމުންގެ އަބުރާ ޢިއްޒަތާ މުދަލާއި ފުރާނަޔަށްސް ނުރައްކާވެފައިވާ ބިރުވެރި ޙާލަތަކަށް ވެއްޓިފައިވާތަނެކެވެ.
ބިހާރުގެ ސަރަން ސަރަޙައްދުގެ ހިންދޫ ހަރުކަށި ފިކުރު ފިރިހެނުންތަކެއް ވަނީ މުސްލިމް އުޚުތަކަށް ބިރުދައްކައި، އޭނާއަށް މަޖުބޫރުކޮށް، މޫނު ފޮތިކޮޅު ނަންގުވައި އައުރަ ކަޝްފުކޮށް، ހިންދޫ ދީނުގެ ކައިވެނީގެ އަޅުކަންތަކެއް ކަމަށްވާ ސިންދޫރު އެޅުމާއި އަލިފާން ވަށައިގެން ހިނގުން ފަދަ ކަންކަން ގަދަކަމުން ކުރުވާފައެވެ.
އުޚުތާގެ އާއިލާއިން ބުނާ ގޮތުގައި، މި ޖަރީމާ ހިންގި މީހުން ވަނީ އެއުޚްތާއަށް މަރުގެ އިންޒާރުދީ، ދީނީގޮތުން ފުރައްސާރަކޮށް، ދިފާޢުވުމުގެ އެއްވެސް ފުރުޞަތެއް ނުދީ ހިފަހައްޓާފައެވެ. މިއީ އެއުޚްތާގޭ ދީނީ މިނިވަންކަމާއި ޢިއްޒަތާއި އަދި އިންސާނީ ކަރާމާތަށް ދިން ސީދާ ޙަމަލާއެކެވެ.
މި ޙާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ބާރުއެޅުމާއެކު ސަރަންގެ ފުލުހުން ވަނީ ކިޑްނެޕްކުރުމާއި ދީނީ ބިރުދެއްކުމުގެ މައްސަލައެއް ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް ކުށްވެރިން ހައްޔަރުކުރުން ލަސްވުމުގެ ސަބަބުން އެ ސަރަޙައްދުގެ މުސްލިމުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
އިންޑިއާގެ މުސްލިމުންގެ ޙާލަތު: ނިޒާމީ އިސްލާމޯފޯބިއާ އަދި ސަރުކާރުގެ ޙިމާޔަތް
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، ސަރަންގައި ހިނގި ޙާދިސާއަކީ އިންޑިއާގައި ނިޒާމީ ގޮތެއްގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ (އިސްލާމޯފޯބިއާ) ޢަމަލުތަކުގެ ތެރެއިން ބޮޅެކެވެ. ވެރިކަންކުރާ ބީ.ޖޭ.ޕީ ސަރުކާރުގެ ދަށުން، މުސްލިމުންނަށް އަމާޒުކޮށްގެން ބިރުވެރިކަން އުފެއްދުމަށާއި ތަފާތުކުރުމަށް ގިނަ ސިޔާސަތުތަކެއް ވަނީ ތަންފީޒުކޮށްފައެވެ.
މީގެ އިތުރުން، ހަރުކަށި ހިންދޫ (ހިންދުތުވާ) ގްރޫޕްތަކުން މުސްލިމުންނަށް ޙަމަލާދީ އަނިޔާވެރިވާއިރު، އެފަރާތްތަކަށް ވެރިކަންކުރާ ޕާޓީގެ އިސް ލީޑަރުންނާއި ސިޔާސީ މެމްބަރުންގެ ފަރާތުން ފުރިހަމަ ޙިމާޔަތް ލިބޭކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސިޔާސީ ނުފޫޒުގެ ސަބަބުން ފުލުހުންގެ ތަޙުޤީޤުތައް ހުއްޓި، ކުށްވެރިންނަށް އެއްވެސް އަދަބެއް ނުލިބި، މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވުމަށް އިތުރު ހިތްވަރު ލިބެމުންދާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.











