އާސަންދައިގެ އެހީގައި ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ މީހުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން ކަމަށާއި، މި ބަލީގައި ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު ކޮންމެ އަހަރަކުވެސް އިތުރުވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭން ބޭރަށް އެންމެ ގިނައިން މީހުން ފޮނުވަން ޖެހެނީ ކެންސަރުގެ އެކި ފަރުވާތަކަށާއި ރާއްޖޭން ހެދެން ނެތް އުނދަގޫ ޓެސްޓުތައް ހެދުމަށް ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރު 1,638 މީހުން ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު މި އަދަދު 2024 ވަނަ އަހަރު ވަނީ 1,996 އަށް އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރު މި އަދަދު ވަނީ 2,000 އަށްވުރެ މައްޗަށް އަރާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މީގެ ތެރޭގައި މުޅިން އަލަށް ބަލިޖެހިގެން ފޮނުވި މީހުންނާއި، ބަލީގެ ބާވަތުން ތަކުރާރުކޮށް ފަރުވާ ހޯދަންޖެހޭ މީހުންގެ އިތުރުން އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް ހިމެނެއެވެ.
ކެންސަރަކީ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަރުވާކޮށްގެން ފުރާނަ ސަލާމަތްކުރެވޭ ބައްޔަކަށް ވާތީ، ބަލި ދެނެގަތުމުގެ ހިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޮގްރަފީގެ ހިދުމަތް މިހާރު މާލެ ސަރަހައްދުގެ އިތުރުން ފަސް ރީޖަނަލް ހޮސްޕިޓަލަކާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލް އަދި ބ. އަތޮޅު ހޮސްޕިޓަލުގައި ވަނީ ގާއިމްކޮށްފައެވެ.
”މިހާތަނަށް 750 އަށްވުރެ ގިނަ މީހުން ވަނީ ރާއްޖޭގައި ތިބެގެން މި ހިދުމަތް ހޯދާފައި،“ – މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓެސްޓްކުރުމުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ކީމޯތެރަޕީގެ ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދާންޖެހުނީ އެންމެ 39 މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރުވެސް ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ފަސް އެނދުގެ ހާއްސަ ފެސިލިޓީއެއް ހިންގަމުންދާކަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.












