Sunday, 26 July 2026

Ads by

ހިޔާ ޓަވަރުތަކުގެ ތިރިން މިއަދު ފެންނަ މަންޒަރު: ތޮއްޖެހުމާއި މާޔޫސްކަމުގެ ބަދަލުގައި އުފާވެރިކަމާއި ހިތްހަމަޖެހުން!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގުނު އެންމެ ބޮޑު އެއް ބޯހިޔާވަހިކަމުގެ މަޝްރޫޢެވެ. ސޯޅަ ޓަވަރު އެކުލެވޭ މި ބިޔަ މަޝްރޫޢުގެ ދަށުން އެތައް ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ލިބިގެންދިޔަ ނަމަވެސް، މަޝްރޫޢުގެ ފުރަތަމަ ފަރުމާގައި ހުރި ބޮޑެތި މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ތަކުލީފުތަކަކާ ކުރިމަތިލާންޖެހުނެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އެއް މައްސަލައަކީ 25 ބުރިއަށް އިމާރާތްކޮށްފައިވާ ކޮންމެ ޓަވަރެއްގައިވެސް މީހުން އުފުލުމަށް އެކަށީގެންވާ މިންވަރަށް ލިފްޓު ނެތުމުގެ މައްސަލައެވެ. ކުރިން ކޮންމެ ޓަވަރެއްގައި ހުރީ ގިނަވެގެން 8 ނުވަތަ 10 މީހުންނަށް އެރޭވަރުގެ ކުދި 3 ނުވަތަ 4 ލިފްޓެވެ.

މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދައަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރިއެވެ. ކޮންމެ ދުވަހެއްގެ ފަތިހު، ސްކޫލަށްދާ ކުދިންނާއި ވަޒީފާއަށްދާ މީހުން ލިފްޓަށް އެރުމަށްޓަކައި އެތައް އިރެއް ކުރިން ހޭލައިގެން ކިއޫގައި ތިބެންޖެހުނެވެ. މީގެ އިތުރުން، ހުކުރު ނަމާދަށްފަހު ގެއަށް އަންނަ ވަގުތުތަކުގައާއި، ބަންދު ދުވަސްތަކުގައި މީހުންގެ ތޮއްޖެހުން އިންތިހާއަށް ބޮޑުވެ، ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ލިފްޓުގެ އިންތިޒާރުގައި ހޭދަކުރަންޖެހުނެވެ. ބައެއް ފަހަރު ހުކުރު ނަމާދަށްފަހު މެންދުރުފަހު ދޭއް ޖަހާއިރުވެސް ގެއަށް ނުވަދެވި، ތިން ހަތަރު ސަފަށް ކިއޫ ދިގުލައިގެން ގޮސްފައި އޮންނަ މަންޒަރަކީ އާންމުކޮށް ފެންނަމުންދިޔަ ހިތްދަތި މަންޒަރެކެވެ.

”އަޅުގަނޑުގެ ހުރޭ ސްކޫލަށް ގެންދާ ތުއްތު ތިން ކުދިން. އަޅުގަނޑު މީ ވަޒީފާއަށް ދާ މީހެއް. ވަރަށް ފަތިހު ދަރީންކޮޅު ތައްޔާރުކުރަން ޖެހޭ ސްކޫލަށް ގެންދަން. އެއީ ލިފްޓް ކިއު އެހާ ބޮޑު. ސްކޫލު ގަޑިއާއި ވަޒީފާ ގަޑިއާ ދިމާވާތީ ލިފްޓުގައި ކިއުގައި ބައެއް ދުވަސް ދުވަހު ހެނދުނު 6:00 އަކުން ފެށިގެންވެސް ތިބެން. މިއީ ބޮޑު ތަކުލީފެއް އޭރުގައި. ކިތަންމެ އަވަހަށް ދާން ބޭނުންވިޔަސް ބައެއް ފަހަރު ނުދެވޭ“ ހިޔާ ޓަވަރެއްގައި ދިރިއުޅޭ އައްޑޫ އަންހެނަކު ”އެކި އެމްވީ“ އަށް ބުންޏެވެ.

ބާޒާރުކޮށްގެން އަންނަ އާއިލާތަކަށްވެސް މިކަން ވެފައިއޮތީ ބޮޑު ވޭނަކަށެވެ. ބަރު ކޮތަޅުތައް ހިފައިގެން، ތުއްތު ކުދިން ގޮވައިގެން އެތައް އިރަކު ކިއޫގައި ކޮޅަށް ތިބެންޖެހުމަކީ އެތައް ބައެއްގެ ޝަކުވާއެކެވެ. އެ ކިއޫތަކުގައި ކުދިން ރޯ އަޑާއި، މީހުންގެ ވަރުބަލިކަމުގެ ޝަކުވާތަކަކީ ކޮންމެ ދުވަހެއްގެވެސް އާންމު ޙާލަތަށް ވެފައި އޮތެވެ.

ޞިއްޙީ ކުއްލި ޙާލަތްތަކުގައި ދިމާވި ބޮޑެތި ގޮންޖެހުންތައް

ލިފްޓުގެ ދަތިކަމުގެ ސަބަބުން ދިމާވި އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި މައްސަލައަކީ ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބަލި މީހުން އުފުލުމަށް ހުރި ހުރަސްތަކެވެ. ކުރިން ހުރި ކުދި ލިފްޓުތަކަށް އެމްބިއުލާންސްގެ ސްޓްރެޗާ ނުވެއްދޭތީ، ހާލު ބޮޑުވާ ބަލި މީހުންނާއި، ކުއްލި އެހީއަށް ބޭނުންވާ މީހުން އިމާރާތުން ތިރިއަށް ބާލަންޖެހެނީ ވަރަށް ޙާލުން ސިޑިންނެވެ. 25 ބުރީގެ އިމާރާތެއްގެ މަތީ ފަންގިފިލާތަކުން ބަލި މީހަކު ސްޓްރެޗާއެއްގައި ސިޑިން ބޭލުމަކީ ފުރާނައަށްވެސް ނުރައްކާވެދާނެ ފަދަ ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވިއެވެ. ގިނަ ވަގުތު ކޮޅަށް ތިބެންޖެހުމާއި، ތޮއްޖެހިފައިވާ ކުދި ލިފްޓުތަކުގައި ދަތުރުކުރަންޖެހުމަކީ އެފަރާތްތަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބެމުންދިޔަ ކަމެކެވެ. ބައެއް އާއިލާތަކުން ބުނާގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް، އަވަށްޓެރިންގެ އޯގާތެރިކަމާއެކު ލިފްޓުން ޖާގަ ލިބުނު ނަމަވެސް، އާންމުކޮށް ގިނަ މީހުންނަށް މި ތަކުލީފު ތަޙައްމަލުކުރަން މަޖުބޫރުވެފައި އޮތެވެ.

ރައީސް މުއިއްޒުގެ ވަޢުދުފުޅާއި މަޝްރޫޢު ތަންފީޒުކުރުން

މި ބޮޑު މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ރިޔާސީ ވަޢުދުފުޅެވެ. ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރައްވާނެކަމުގެ ވަޢުދުފުޅާއެކު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިތާ ވަރަށް ކުރީކޮޅު މި މުހިންމު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދިޔައެވެ. މި މަސައްކަތް ހަވާލުކުރެވުނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.

މިއީ އާދައިގެ މަޝްރޫޢެއް ނޫނެވެ. މީހުން ދިރިއުޅެމުންދާ 25 ބުރީގެ ބިޔަ އިމާރާތްތަކެއްގައި އައު ދަގަނޑު ސްޓްރަކްޗާތަކެއް އަތުރައި، ބޮޑެތި ލިފްޓުތަކެއް ހަރުކުރުމަކީ އިންޖިނިއަރިންގގެ ގޮތުން ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެޗްޑީސީގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން ވަނީ މި ބުރަ މަސައްކަތް، ދިރިއުޅޭ މީހުންނަށް ވީހާވެސް އުނދަގޫ ކުޑަވާނެހެން ކުރިއަށް ގެންގޮސްފައެވެ. ބައެއް ދުވަސްދުވަހު ހެނދުނު ހަތަކުން ފެށިގެން ރޭގަނޑު ދިހައެއް ޖަހަންދެން އަޑުގަދަ ބަރު މަސައްކަތްތައް ކުރަންޖެހުނު ނަމަވެސް، މަޝްރޫޢުގެ ދުވެލި މަޑުޖެހުމެއްނެތި ކުރިއަށްގޮސް، ވެރިކަމުގެ ދެ އަހަރާއި ބައިގެ ތެރޭގައި މިވަނީ މި ބޮޑު މަޝްރޫޢު ފުރިހަމަކޮށް ނިންމާލާފައެވެ.

މި މަޝްރޫޢުގެ ދަށުން ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓާއެކު ޖުމްލަ 32 ލިފްޓު ވަނީ ގާއިމުކޮށްފައެވެ. މިއިން ކޮންމެ ލިފްޓަކީ ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ، އެއްފަހަރާ 21 މީހުންނަށް ދަތުރުކުރެވޭވަރުގެ ޖާގަ ތަނަވަސް ލިފްޓުތަކެކެވެ. މިއީ ކުރިން ހުރި ލިފްޓުތަކާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު ޖާގައެކެވެ.

އެންމެ މުހިންމު ކަމަކީ، މި އައު ލިފްޓުތަކަކީ ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ ސްޓްރެޗާ ފަސޭހައިން ވެއްދޭނެ ގޮތަށް ފަރުމާކޮށްފައިވާ ލިފްޓުތަކަކަށް ވުމެވެ. މިކަމުގެ ސަބަބުން ކުއްލި ޙާލަތުގައި ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް އެތައް ގުނައަކަށް އަވަސްވެ، ފުރާނަ ސަލާމަތްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި ހިޔާ ޓަވަރުތަކަށް ފަސޭހައިން އެމްބިއުލާންސަށް ވަދެ ނުކުމެވޭނެ އިންތިޒާމުވެސް ވަނީ މި މަޝްރޫޢުގެ ދަށުން ހަމަޖެހިފައެވެ.

ދަރިވަރުންނާއި އާންމު ރައްޔިތުންނަށް ލިބުނު ފަސޭހަ

ލިފްޓުތައް އިތުރުކުރެވުމާއެކު، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ އިންގިލާބީ ހެޔޮ ބަދަލެއް އައިސްފައެވެ. ކުރިން ސްކޫލަށް ގަޑިޖެހި، ބަސް ކަޓައިގެން ދިޔަ ދަރިވަރުންނަށް މިހާރު ފަސޭހަކަމާއެކު ގަޑިއަށް ސްކޫލަށް ދެވެއެވެ. ކުރިއާލައި އެތައް އިރެއް ކުރިން ހޭލައިގެން ލިފްޓާ ދިމާލަށް ދުވާކަށް މިހާރަކު ނުޖެހެއެވެ.

”މިއީ ލިބުނު ބޮޑު ލުޔެއް. ހަގީގަތުގައި މި ތަނަށް (ހިޔާ ޓަވަރުތަކަށް) ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލިފްޓުގެ ތާށިކަން. މިއަދު އެކަމަށް ހައްލެއް މި އައީ. އެކަމަށް އަޅުގަނޑު ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ޝުކުރިވަން. ހަގީގަތުގައި އެ މަނިކުފާނު އެ ކޮށްދެއްވީ އެތައް ހާސް ރައްޔިތަކު އެދިއެދި ހުރި ބޮޑު ކަމެއް. މިއީ އަޅުގަނޑުމެންނަށް ލިބުނު ފަސޭހައެއް“ ހިޔާ ޓަވަރެއްގައި ދިރިއުޅޭ މީހަކު ”އެކި އެމްވީ“ އަށް ބުންޏެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ހިޔާ ފްލެޓްގެ ރައްޔިތުން ކުރިމަތިލާންޖެހުނު އެންމެ ބޮޑު ތަކުލީފުކަމަށްވާ ލިފްޓަށް މަޑުކޮށްގެން ތިބެންޖެހޭ ތިބުމަށް މިވަނީ ނިމުމެއް އައިސްފައެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ވަޒީފާއަށްދާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ، ދިރިއުޅުމުގެ ފެންވަރު ވަނީ މަތިވެފައެވެ. މިއީ އެޗްޑީސީން ހުޅުމާލެއަކީ އަމާން، ފަސޭހަ އަދި ނަމޫނާ ސަހަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެކެވެ.

މި މަޝްރޫޢަކީ ހަމައެކަނި ލިފްޓުތަކެއް ހަރުކޮށްލުމަށްފަހު ދޫކޮށްލާފައިވާ މަޝްރޫޢެއް ނޫނެވެ. މި ލިފްޓުތަކުގެ ދާއިމީ ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށްޓަކައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މެއިންޓެނަންސް މަސައްކަތްތައް ބަލަހައްޓާނީވެސް ޗައިނާގެ ކުންފުނިންނެވެ. މީގެ މާނައަކީ، ލިފްޓަކަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރުމަށް އެ ކުންފުނީގެ ތަޖުރިބާކާރު ޓީމުތަކުން ވަގުތުން ހަރަކާތްތެރިވެ، މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެކަމުގެ ޔަގީންކަމެވެ.

ހިޔާގެ ކޮންމެ ފްލެޓެއްގައި އެވްރެޖްކޮށް ފަސް މެމްބަރުންގެ އާއިލާއެއް ދިރިއުޅެމުންދާއިރު، މި ސަރަހައްދުގެ އާބާދީ އެތައް ހާހަކަށް އަރައެވެ. މި އާބާދީއަށް މިއަދު މިވަނީ އެމީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަށް ސަރުކާރުން އިޖާބަދީ، އެމީހުން ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށް ހަދައިދީފައެވެ. މިއީ ސަރުކާރުން ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން މަސައްކަތްކުރަމުންދާ ކަމުގެ ދިރިހުރި މިސާލެކެވެ. މިއަދު ހިޔާ ޓަވަރުތަކުގެ ތިރިން ފެންނަމުންދަނީ ތޮއްޖެހުމާއި މާޔޫސްކަމުގެ ބަދަލުގައި، އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މަންޒަރުތަކެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް