މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ޖުލައި މަހުގެ 4 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު. ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި މީހުން ދެނެގަނެފައެވެ. އަދި އެ މީހުން ހޯދައި ހައްޔަރުކުރުމުގެ އިތުރުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ލޮއިނަރު ރޯލުތައް ހޯދައި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.














