ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގާނޫނު ސަސްޕެންޑްކޮށް، ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނު ސަސްޕެންޑްކޮށް، އެއްވެސް ޒިންމާދާރުކަމެއް ނެތް ގޮތަށް 8 ބިލިއަން ރުފިޔާ ޗާޕުކޮށްގެން ބާޒާރަށް ނެރުނު ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ޑޮލަރުގެ މައްސަލަ އިންތިހާއަށް ބޮޑުވެގެން ދިޔައީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެކަން ނުކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
”ގާނޫނު ސަސްޕެންޑް ކޮށްގެން ފައިސާ ޗާޕުކުރަމުން ގެންދިޔައީ. އެހެންވީމަ އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެ ކަމަށް ބުނެ އަޅުގަނޑުމެން އެ ވާހަކަ ދެއްކިން،“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
ވޯލްޑް ބޭންކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުރުން އޭރުގެ އެމްޑީޕީ ސަރުކާރު ތެރޭގައި އުފެދިފައި އޮތް ޑިމޮކްރެޓްސް ފެކްޝަނުންވެސް ފައިސާ ޗާޕުނުކުރުމަށް ގޮވާލައި، އެކަމުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަމަށް މަގުފަހިވާނެ ކަމަށް ބުނަމުންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއިން އެއްވެސް ފަރާތެއްގެ މަޝްވަރާއާ ނުލައި ފައިސާ ޗާޕުކުރުމަކީ އޭރުގެ ސަރުކާރު ނިމުމަކަށް އަންނަންޖެހުނު މައިގަނޑު އެއް ސަަބަބު ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ޑޮލަރުގެ މައްސަލައަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ޑޮލަރުގެ ރޭޓު 10 ރުފިޔާ އާއި 15 ރުފިޔާއާ ދެމެދުގެ ބޭންޑެއްގައި ހިފެހެއްޓުމަށް ނިންމި ނިންމުމުގެ ނޭދެވޭ އަސަރުތައް އަދިވެސް އިހްސާސްކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. އޭރު ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވޭކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ފުރިހަމައަށް އުފުލަންޖެހޭނެ ކަމަށެވެ.













