71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީކުރުމަށް ބޭނުންވާ ސާމާނު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ތަރައްގީކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި މަސައްކަތް ކާމިޔާބުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ތަރައްގީކުރުމަށް ސަރުކާރުގެ އެކި ކުންފުނިތަކާ މިހާރު ވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން ހަތް އައުޓްޑޯ ޖިމެއްގެ މަސައްކަތް، އަމިއްލަ ބައެއް ކުންފުނިތަކާ ވެސް ހަވާލުކޮށްފައިވެއެވެ.
މި މަޝްރޫއަކީ އެޗްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.













