ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ 131 ރަށެއްގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މި އިންތިހާބާ ގުޅޭ ތަފުސީލުތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ތަރުޖަމާނު އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ ފޯރިގަދަ އަދި ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ. ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި، 131 ރަށު ދާއިރާއެއްގައި އިންތިހާބީ ހަރަކާތްތައް ކުރިއަށްދާއިރު، މި ހުރިހާ ދާއިރާއެއްގައި ވެސް ވާދަވެރިކަން ފެނިގެންދާނެއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ފިރުޒުލް ވިދާޅުވީ އިންތިހާބުގައި ބޭނުންކުރާ ވޯޓާސް ލިސްޓު އެކުލަވާލާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ މެންބަރުންގެ ދަފްތަރަށް ބިނާކޮށް ކަމަށެވެ.
ވޯޓާސް ލިސްޓު މިހާރު ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އިންތިހާބާ ގުޅުންހުރި އެހެނިހެން ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ވޯޓުލާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ.
އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން މާލޭގައި ވެސް މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ކަމަށް ޕީއެންސީން ބުނެއެވެ. ފިރުޒުލް ވިދާޅުވި ގޮތުގައި، 131 ރަށު ދާއިރާއެއްގައި ވޯޓުލުމަށް ބޭނުންވާ އިދާރީ އަދި ފަންނީ ތައްޔާރީތައް ލަސްތަކެއްނުވެ ފެށިގެންދާނެއެވެ.
މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރަކު ނެތް ދާއިރާތަކުގައެވެ. ސަބަބަކީ ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު އޮޓޮމެޓިކުން ލިބިވަޑައިގަންނަވާނީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރަށެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށްފަހު، ޕާޓީގެ އެންމެ މަތީ ގޮފި ކަމަށްވާ ”ކޮންގްރެސް“ ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށެވެ.













