މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެކަމުގެ އަސްލު ސަބަބުތައް ދެނެގަނެ، ވަށާޖެހޭ ގޮތަކަށް އެ މައްސަލައަށް ހައްލު ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ގެނެސްދިން މި އެޕިސޯޑުގައި، ”ދަ ޕްރެސް“ ނޫހުގެ ނޫސްވެރިޔާ ކުރި ސުވާލުތަކަށާއި އާންމު ރައްޔިތުން ފާޅުކުރި ބައެއް ޝުއުރުތަކަށް އެމަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަކީ ސަރުކާރުގެ މައިގަނޑު މަގުސަދު ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި މައްސަލަ ހައްލުކުރެވޭނީ މަތިމަތިން ކަމެއް ކޮށްލައިގެންނެއް ނޫން ކަމަށާއި މިކަން މެދުވެރިވާ އަސްލު ސަބަބުތަކަށް ހައްލު ހޯދައިދެވިގެން ކަމަށެވެ.
މިގޮތުން، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އާމްދަނީ ހޯދޭނެ މަގުތައް ބަންދުވެފައި އޮތުމަކީ ޒުވާނުން ކުށްކުރުމަށް މަގުފަހިވާ ސަބަބުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމާއި، ކުދި ވިޔަފާރިތަކަށް އެހީތެރިވުމާއި، އަންހެނުން ބާރުވެރިކުރުވައި ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން މަޝްރޫއެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދެއްގައެވެ. މި މަޝްރޫއަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، މިހާރު ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި، މި ދައުރުގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ކަމަށްވާއިރު، ރައީސް މުޢިއްޒުގެ މި ވާހަކަފުޅުތަކުން ހާމަވެގެންދިޔައީ، މި މައްސަލައަކީ ހަމައެކަނި ސިއްހީ ނުވަތަ ގާނޫނީ މައްސަލައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިޖުތިމާއީ އަދި އިގްތިސާދީ ހުރިހާ ދާއިރާއެއް ގުޅުވައިގެން ހައްލުކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ބަލައިގަންނަކަމެވެ.















ވަށާޖެހޭސިޔާސަތުގެ ބިންގަލަކަށް ވާންޖެހޭނި އިސްލާމީ ޝަރީޢަތްތަންފީޒުކުރުން