މުޖުތަމަޢުގައި ކުށްކުރުމުގެ ފުރުޞަތު އޮތް ނުވަތަ ”ވަލްނަރަބަލް“ ހާލަތްތަކުގައި ތިބި ޒުވާނުންނަށް މާނަހުރި ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ ”ނޭޝަނަލް ސާވިސް ޕްރޮގްރާމް“ އަކީ ގައުމަށް ބޭނުންތެރި ޒުވާނުންތަކެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމަކީ ޒުވާނުންގެ މުސްތަޤްބަލަށްޓަކައި ގެނެވުނު ހެޔޮ ބަދަލެކެވެ.
މި ޕްރޮގްރާމްގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 700 އެއްހާ ޒުވާނުން މި ޕްރޮގްރާމްގެ ތެރެއިން ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މިއީ މައިންބަފައިންނާއި އާއިލާތަކުގެ ފުރިހަމަ އިތުބާރާއެކު ކުރިއަށްދާ އިޚްލާޞްތެރި މަސައްކަތެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
”މިހާރު އިރާދަކުރެއްވީތީ އެ ހަތްސަތޭކަ ޒުވާނުން އެވަނީ ބަދަލުކުރެވިފައި. މައިންބަފައިންނާއި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އިތުބާރާއެކީގައި މި ޕްރޮގްރާމްގައި ބައިވެރިކޮށްގެން އަޅުގަނޑުމެން ކުރަމުންދާނީ އިޚްލާޞްތެރި ތެދު މަސައްކަތެއް،“ ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގައި ދިވެހި ސިފައިން (އެމްއެންޑީއެފް) އާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އިސްލާމްދީނަށް ލޯބިކުރާ، ގައުމު ދެކެ ލޯބިވާ، އަދި އަޚްލާގު ރަނގަޅު، މަސައްކަތްތެރި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ޒުވާނުންނަކީ ގައުމީ ވާޖިބު އަދާކުރުމުގެ ރޫހު ހުރި، ބިނާކުރަނިވި ބަޔަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މި ޒުވާނުންނަށް އެކުދިން ބޭނުންވާ ތަފާތު ދާއިރާތަކުން ގައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުށްކުރުން މަދުކޮށް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެކުލަވާލާފައިވާ ހަރުދަނާ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.












