ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީސް މީޑިއާގެ އެކި މަންސަތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯތައް ހިމަނައިގެން ކުރާ ޕޯސްޓުތަކަށް، އާންމުންގެ ބައެއް ފަރާތްތަކުން އެ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ބަހުރުވައިން ކޮމެންޓު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް މަލާމާތް ރައްދުވާ ގޮތަށް ފާޑުކިޔަމުންދާ ދިއުން އެ ކައުންސިލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެ ކައުންސިލުން ބުނި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރައްސާރަކުރުމަކީ އެފަދަ ފަރާތްތައް ޝާމިލުވާ މުޖުތަމައުއެއް ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. މިފަދަ ނޭދެވޭ އަމަލުތައް މުޖުތަމައުގައި އާންމުވުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އިންތިހާއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ސަރުކާރާއި ދައުލަތުން ކުރަމުންދާ ބުރަ މަސައްކަތުގައި އެންމެހާ ރައްޔިތުން އަތުގުޅާލައި، އެކުގައި މަސައްކަތް ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާއިރު، މުޖުތަމައުގެ ހުރިހާ ފަންތިއަކުންވެސް އެފަރާތްތަކަށް އިހުތިރާމާއި ގަދަރު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.












