Sunday, 26 July 2026

Ads by

އާދު: ހުނަރުން ފުރިފައި، ޖާދޫވީ ގޯލުތަކާއެކު އަމާޒު އަސްދަނޑިން ބޭރަށް!

އެކި ގްރެފިކްސް: އަލާއު ފޮޓޯ: ކްލަބް މޯލްޑިވްސް / އެކި އެމްވީ

އުމުރުން 15އގެ އާދުއަށް ފުޓްބޯޅައަކީ، އަދި ފުޓްސަލްއަކީވެސް އާ ނަމެއް ނޫނެވެ. އާއިލާއަކީވެސް ފުޓްބޯޅައިގެ އާއިލާއެކެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެވެސް އާދުގެ ހިތުގައި ފުޓްބޯޅައަކަށް ވަނީ ހާއްސަ މަގާމެއް ދެވިފައެވެ. އުމުރުން ހަ އަހަރުގައި ފުރަތަމަ އެކަޑަމީއަށް ވަން ހިސާބުން އާދުގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުގު އިތުރުވިއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް އެންމެ ބޮޑު ހިތްވަރެއް ލައިދިނީ އާދުގެ ބައްޕައެވެ.

”ފުރަތަމަ އަޅުގަނޑު ވަރަށް ކުޑައިރު އެކެޑަމީއަކަށް ވައްދައިގެން ކުޅެން ދަސްކުރީ. ދެން އެއިރަކު އަޅުގަނޑަކަށް ނޭނގޭނެ ކުޅޭކަށް. ދެން ކުޅެން ނޭނގި އެކަޑަމީތަކަށް ދާތީ އަޅުގަނޑުގެ ބައްޕަ ވަކިން ތަނަކަށް އަޅުގަނޑު ގެންގޮސް ބޯޅައާ ފައިން ކުޅެން ދަސްކޮށްދީ ހެދީ. ދެން ބޯޅަ ގެންގުޅެން އެއްކޮށް ދަސްވީމަ ބައްޕަ އަޅުގަނޑު އަނެއްކާވެސް އެކެޑަމީއަކަށް ވެއްދީ. އޭގެ ފަހުން 6 އަހަރުގައި އީޓީއެފްއޭއަށް އާދު ކުޅެން ފެއްޓީ. ދެން އެ އެކަޑަމީން ކުޅެން ފަށައިގެން އައިސް ބީޖީއަށް ކުޅެން ފެށީ. ދެން ފަހުން ބޯޅަކުޅެން ބޮޑަށް ޝައުގުވެރިވީ.“ އާދު ކިޔައިދިނެވެ.

އާދު ބީޖީ ސްޕޯޓްސް ކްލަބަކަށް ކުޅެން ފެށީ އުމުރުން އެންމެ 12 އަހަރުގައެވެ. އެއީ އާދުގެ ބައްޕަގެވެސް ކްލަބެވެ. އާދުގެ ބަހުން ނަމަ ’ގޭދޮށު‘ ޓީމެވެ.

ކްލަބް މޯލްޑިވްސް ކިޑްސަލް މުބާރާތުގައި ވިދަމުން އަންނަ ތަރި އާދު ’އެކިއެމްވީ‘ އަށް ދިން އިންޓަވިއުގެ ތެރެއިން.. ފޮޓޯ| އެކިއެމްވީ

ބޮޑު ފުޓުބޯޅައިން އާދުގެ ހިތް ދަމައިގަތީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ފުޓްސަލަށެވެ. އާދުއަށް އެ ނަސީބު ލިބުނީ ރާއްޖޭގައި މިހާރު ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސްގެ ޖޫނިއާސްއިން އެލީޓް ސްޕޯޓްސް ކްލަބަށް ކުޅުމުގެ ފުރުސަތު ލިބުނު ހިސާބުންނެވެ.

ލިބުނު ފުރުސަތުގެ ބޭނުން ހިފައި އާދު ވަނީ އެލީޓްގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދައްކައި އެ ޓީމު ފައިނަލަށް ގެންގޮސްދީފައެވެ. އެގޮތުން ޖުމްލަ 6 މެޗު ކުޅުނުއިރު ހަތަރު މެޗުން އާދު ވަނީ މޮޅު ކުޅުންތެރިޔާކަން ހޯދައިފައެވެ. އަދި 15 ލަނޑާއެކު އޭނާ މިވަނީ މި މުބާރާތުގައި އެންމެގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ލިސްޓުގެ އެއްވަނައިގައެވެ.

”އުންމީދަކީ ހުކުރު ދުވަހު ކުޅޭ ފައިނަލްގައި ތަށި އުފުލާލުން. އަދި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާކަން ހޯދުން، ކިންގް އޮފް ދަ ޓޯނަމަންޓް އަސްލު“ އާދު  ބުންޏެވެ.

އާދު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން ޖެހެއެވެ. އަދި ގްރާސްރޫޓަށް އަމާޒުކޮށް އެފަދަ މުބާރާތްތައް ބޭއްވުމަކީ ރާއްޖޭގައި ފުޓްސަލް ކުރިއަރާނެ ކަމެއް ކަމަށް އާދު ގަބޫލުކުރެއެވެ. އާދުމެންފަދަ ހުނަރުވެރި އެތައް ކުއްޖެއް ރާއްޖޭގައި އެބަ ތިއްބެވެ. ބޭނުންވަނީ ފުރުސަތެވެ.

މިއަދު އާދުއަކީ ފުޓްސަލްގައި ވިދަމުން އަންނަ ތަރިއެވެ. އޭނާގެ ހުނަރާއި ޖާދޫގައި އެތައް ބަޔަކު ޖައްސަމުން އަންނައިރު އާދުގެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންނާއި އާއިލާއެވެ.

”އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން. ދެން ދެ ފަރާތު އާއިލާ،  މައިންބަފައިންނާއި ކޮއްކޮމެން. ޕިޔާޖީ ފެމިލީ، ދެން ކޯޗުންނާ ހުރިހާ އެންމެންނަށްވެސް ވަަރަށް ބޮޑަށް ޝުކުރިއްޔާ“ އާދު ބުންޏެވެ.

ނޫކަށިފުރައިގެ އާދުގެ އަމާޒަކީ ކެރިއަރުގެ ފުރަތަމަ ތަށި ހުކުރު ދުވަހު އުފުލާލުމެވެ. އަދި މުސްތަގުބަލުގައި ފުޓްސަލްގައި އިތުރަށް ކުރިއަށް ގޮސް ގައުމީ ޓީމުން ޖާގަ ހޯދުމެވެ. އެ ހިސާބުން އާދުގެ އުންމީދުތައް ނިމުނީކީ ނޫނެވެ. އާދުގެ އުންމީދު ހުރީ ރާއްޖޭގެ އަސްދަނޑިން ބޭރަކަށެވެ. ބައިނަލްއަގުވާމީ ބޮޑު ކްލަބަކަށް ކުޅެމުގެ ފުރުސަތު ލިބޭނެ ދުވަހަކަށެވެ. އެ އުންމީދުގައި އާދު ފެށި ދަތުރު އަދި ވަރަށް ނިޔާމައެވެ. ކުރިއަށްވެސް ދަސްކުރަން ގިނަ ކަންކަން އެބަހުއްޓެވެ. ’އެކިއެމްވީ‘ ގެ ޓީމުން އެދެނީ އާދުއަށް އަބަދުވެސް ކާމިޔާބީއަށެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް