އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް މުޙައްމަދު ޝަކީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ޝަކީލް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހުން ވަނީ އޭނާއަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ. އީސީގެ ރައީސް ކަމަށް އައްޔަންކުރެއްވުމުގެ ކުރިން، މިދިޔަ މަހުގެ 24 ވަނަ ދުވަހު ޝަކީލް ވަނީ އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރައްވާފައެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ޝަކީލް ފުރުއްވާ ދެވަނަ ފަހަރެވެ. މީގެކުރިން 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން 1 ސެޕްޓެންބަރު 2013 އިން ފެށިގެން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.
އީސީގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝަކީލް ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.












