ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ ކުރެހުންތަކާއި ޑިޒައިންތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ދިރާސާތަކާއި ސާވޭތައް ކުރުމަށް ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް މިހާރު އަންނަނީ ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރު މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވަނީ ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލައްވާފައެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) ގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭގެ އުމްރާނީ ތަރައްގީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.
މަގުތަކުގެ ސާވޭ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު ރޭވިފައިވަނީ މައިގަނޑު ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޑިޒައިން ކުރުން ހިމެނޭއިރު، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭނުންވާ ސާވޭތައް މިހާރު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް އިސްކަންދީފައިވަނީ މާލޭގެ އެންމެ މައި މަގުތަކަށެވެ. އެގޮތުން، އެންމެ ފުރަތަމަ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މަޖީދީމަގާއި، ޝަހީދު ޢަލީ ހިނގުމުގެ އިތުރުން ކަނބާއައިސަ ރަނި ހިނގުމާއި، ވިލިމާލޭގެ އާ ހޮސްޕިޓަލް އިމާރާތްކުރާ ސަރަހައްދުގެ މަގުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ ދިރާސާތައް ނިމި، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މަޖީދީމަގާއި، ކަނބާއައިސަ ރަނި ހިނގުން އަދި ވިލިމާލެ ހޮސްޕިޓަލް ސަރަހައްދުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މި މަޝްރޫއުގެ ފަންނީ ދިރާސާތައް ކުރުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު ބަދަލުކޮށް، ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.












