ވޯލްޑްކަޕް 2026 ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯއިން، އިކުއެޑޯގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ. މެކްސިކޯގެ ތާރީޚީ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެގައުމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު މެކްސިކޯއިން ވަނީ 1986 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގެ ނޮކައުޓް މަރުހަލާގެ މެޗަކުން މޮޅުނުވެ އޮތް 40 އަހަރުވީ ”ބަދުނަސީބު“ ނުވަތަ ކާސް މުގުރާލާފައެވެ. ގަދަ 32 ގެ މި މެޗު ފެށުން ގަޑިއިރަކަށް ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ނަމަވެސް، މޫސުމުގެ ސަބަބުން މެކްސިކޯގެ ސަޕޯޓަރުންގެ ފޯރިއަކަށް ބަދަލެއް ނާދެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ޖޫލިއަން ކީނޯނޭސް ވަނީ ބާރު ހަމަލާއަކުން މެކްސިކޯއަށް ކުރިހޯދައިދީފައެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ފުރަތަމަ ލަނޑު ޖެހި ކީނޯނޭސްއެވެ.
މި މެޗުގައި މެކްސިކޯގެ 17 އަހަރުގެ ގިލްބާޓޯ މޯރާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މިއާއެކު އޭނާ ވެފައިވަނީ ވޯލްޑްކަޕްގެ ނޮކައުޓް މެޗެއްގައި ފެށި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މި ޝަރަފް މީގެ ކުރިން ހޯދާފައިވަނީ 1958 ވަނަ އަހަރު ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ.
އިކުއެޑޯއަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެކްސިކޯގެ ދިފާއީ ބާރު ގިރާކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އީކުއެޑޯގެ ޕިއޭރޯ ހިންކަޕީއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މެކްސިކޯއަކީ މި ފަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވި ތިން ގައުމުން ކުރެ އެއް ގައުމެވެ. އަނެއް ދެ ގައުމަކީ އާޖެންޓީނާ އަދި ފްރާންސެވެ. މެކްސިކޯއިން މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
ގަދަ 16 ގައި މެކްސިކޯ ނުކުންނަން ޖެހޭނީ އިންގްލެންޑް ނުވަތަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އަޒްޓެކާ ސްޓޭޑިއަމްގައެވެ. ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގެ ހުރިހާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.












