ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ މަރުގެ ހުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން އދ މާމިގިލީ ކަނީރުމާގޭ އުމުރުން 59 އަހަރުގެ ގާސިމް ހަސަނަށް، ޅ ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު ހަމަލާދިނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދުހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ ކުށް ސާބިތުވުމާއެކު، ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިން ވެސް މަރަށް މަރު ހިފުމަށް ޝަރީއަތުގައި އެދިފައިވާތީއެވެ.
ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ދަށު ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. އެއީ އަދުހަމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ނުކުރުމުންނެވެ.
ހައިކޯޓުގެ ޝަރީއަތުގެ މަރުހަލާގައި، ގާސިމްގެ އާއިލާގެ އެއްވެސް މީހަކަށް ގުޅަން މަސައްކަތެއް ނުކުރުމަށް އަދުހަމްގެ ފަރާތުން ޝަރީއަތުން ވަނީ އަންގައިފައެވެ. އަދި އިސްތިއުނާފު އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ، އަދުހަމާ ދައްކަންޖެހޭނެ އެއްވެސް ވާހަކައެއް ނެތްކަމަށް ގާސިމްގެ އާއިލާއިން ބުނެފައިވާކަން ފާހަގަކޮށްފައެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން ޝަރީއަތުގައި ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި، މަސްތުވެގެން ހުރި ހާލަތެއްގައި ކަމަށެވެ. ނަމަވެސް ގާސިމަށް ހަމަލާދިން ސަބަބާ ބެހޭގޮތުން ތަހުގީގުގައި އެކި ފަހަރު އެކިގޮތަށް ވާހަކަ ދެއްކި ނަމަވެސް، ވަޅި ހެރި ކަމަށް ކޮންމެ ފަހަރަކު ވެސް އޭނާ އެއްބަސްވެފައިވާކަން ދަށު ކޯޓުގެ ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.
މައްސަލައިގައި ބޭނުންކުރި ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ، ވަޅި ހެރިކަމާމެދު ޝައްކެއް ނެތްކަމަށް ކޯޓުން ނިންމިއެވެ. މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ދެވުނު ހަމަލާއެއް ކަމަށް އަދުހަމް ބުނި ނަމަވެސް، މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒުކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.













