މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގައި މިހާތަނަށް 67،000 ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ކުޑޫ މިނިސްޓަރާ ކުރެއްވި ސުވާލަކީ މިފަހުން ރާއްޖެއަށް ގެނެއި ވައިޑް ބޮޑީ މަތިންދާބޯޓާއެކު ކުރިއެރުންތަކެއް ލިބިފައިވޭތޯއެވެ. އަދި މިހާރު އެ ފްލައިޓު ބޭނުންކޮށްގެން ކުރަމުން އަންނަ ދަތުރުތަކަކީ ކޮބައިތޯ އާއި ޗައިނާ އަދި އިންޑިއާ ނޫން އެހެން މަންޒިލަކަށް ދަތުރުތައް ފަށާނީ ކޮންއިރަކުންތޯއެވެ.
މެންބަރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ވައިޑް ބޮޑީ މަތިންދާބޯޑު ގެނައި ފަހުން މިވީ 16 މަސްދުވަހުގެ ތެރޭގައި 67،000 މީހުން އެ ފުލައިޓުގައި ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 55،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިން ވެސް ޗާޓަރކޮށްގެން މި މަތިންދާބޯޓުން ދަތުރުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، ކޮވިޑްގެ ދުވަސްވަރު ވެސް ރާއްޖޭގައި އެއަރބަސް އޮޕަރޭޓްކުރާތީ މުހިންމު ބޭސް ގެނައުން ފަދަ މުހިއްމު ކަންކަމުގައި އެތަކެއް ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށެވެ. ހަމައެހެންމެ ރާއްޖޭގައި ވައިޑް ބޮޑީ މަތިންދާބޯޓުތަކުގައި ކުރާ ދަތުރުތައް ފުޅާކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އެއަރލައިންތައް ހުއްޓުމަކަށް އަންނައިރު ވެސް އަމިއްލައަށް އޮޕަރޭޓްކުރެވޭނެ ފްލައިޓެއް އޮތުމަކީ ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުތަކުގައި ޗައިނާ، އިންޑިއާގެ އިތުރުން އޮސްޓްރޭލިއާއަށް ދަތުރުތައް ކުރަމުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން އިގުތިސާދީ ގޮތުން ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.











