އިދިކޮޅު އެމްޑީޕީން ގެންނަން އުޅޭ ”ބޮޑު ބަދަލު“ ގެ ފުރަތަމަ ވަޢުދާ އެ ޕާޓީން ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ”ބޮޑު ބަދަލު“ ގެ ފުރަތަމަ ވަޢުދަކީ 48 ގަޑިއިރު ތެރޭގައި އެ ޕާޓީގެ ދަރަނިތައް ދައްކާ ޚަލާޞްކުރުން ކަމަށާއި، ނަމަވެސް އެ ވަގުތު ހަމަވެގެން ދިޔައިރުވެސް އެ ވަޢުދު ފުއްދިފައި ނުވާ ކަމަށެވެ.
ސަރުކާރަށް ފާޑުކިޔުމުގެ ބަދަލުގައި އެމްޑީޕީގެ އިސްވެރިންނަށް މާ ތާހިރުވާނީ އަމިއްލަ ޕާޓީގެ މެންބަރުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.މީގެ އިތުރުން، އެމްޑީޕީގެ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޕާޓީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު ޕާޓީގެ ޗެއަރޕާސަނާއި، ރައީސް އަދި އިސް ލީޑަރު ވީތަނެއް ނޭނގޭ ކަމަށެވެ. ޕާޓީގެ އިސް ސަފު މިފަދަ ޙާލަތެއްގައި އޮތްއިރު ދެން ގެނެވޭނެ ބަދަލެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ތިބޭފުޅުންނަށް ރަނގަޅުވާނީ މިނިކާ ރާއްޖެ ހަވާލުކުރިއްޔާ،“ އެމްޑީޕީގެ ހިންގުމުގެ ނިޒާމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ލީޑަރުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ ލީޑަޝިޕް އެކީގައި ފެންނަން ނެތްކަމާއި، ޕާޓީ ރޫޅެމުންދާކަން ޝުޖާއު ވަނީ ހާމަކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އެތެރޭގެ މި ބައިބައިވުންތަކުގެ ސަބަބުން އެ ޕާޓީ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ޝުޖާއުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ












