މާލޭ ސިޓީ ކައުންސިލަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއަކަށް ހިދުމަތްދިނުމުގެ މުހިންމު ޒިންމާ މަތިކުރެވިފައިވާ މުއައްސަސާއެވެ. މި މުއައްސަސާއަށް އިންތިހާބުކުރެވޭ މެމްބަރުންނަކީ ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ، އަދި އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އެންމެ މަތީ މިންގަނޑުތަކެއްގައި ހިފަހައްޓަންޖެހޭ ބައެކެވެ. އެހެންނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރު ޒަހިއްޔާގެ ފަރާތުން ފެންނަމުންދަނީ މި މިންގަނޑުތަކާ މުޅިން ހިލާފު، ގޮތެއް ފޮތެއް ނެތް އަމަލުތަކެކެވެ. މިއަދު ސިޓީ ކައުންސިލްގައި އެހެން އުޅޭ އެހެން ކައުންސިލަރެއް ނެތްކަން މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އޭނާގެ ފަރާތުން ފެންނަ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން މުޅި ކައުންސިލްގެ އިތުބާރާއި ގަދަރަށް ވަނީ އުނިކަން ލިބެން ފަށާފައެވެ. ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހުރެ، އާންމު އިޖުތިމާއީ މިންގަނޑުތަކަށް ގޮންޖަހައި އޭނާ ހިންގަވަމުން ގެންދަވާ އަމަލުތަކަކީ މިއަދު ގިނަ ބަޔަކު ކުށްވެރިކުރާ ކަންކަމެވެ. ވެރިންނާއި ރައްޔިތުންނާއި މުޚާތަބު ކުރުމުގައި އަދަބެއް ސަދަބެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރުގެ އިސްވެރިން، އަދި އާންމުންނަށް ފުރައްސާރަކުރުން
އިންތިޚާބީ މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ފަރާތުން އެންމެ ބޮޑަށް ފެންނަންޖެހޭނީ ކެތްތެރިކަމާއި، ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އިހުތިރާމާއެކު މުއާމަލާތްކުރުމުގެ ރިވެތި ސިފައެވެ. ދައުލަތުގެ އެންމެ އިސްވެރިޔާއަށް ފާޑުކިޔުމުގެ ހައްގު ކޮންމެ މީހަކަށްމެ އޮތް ނަމަވެސް، އެކަން ކުރަންވާނީ އަބުރުވެރިކަމާއި އިހުތިރާމާއެކުގައެވެ. ނަމަވެސް، ޒަހިއްޔާގެ ފަރާތުން ފެންނަމުންދަނީ އޭގެ އިދިކޮޅެވެ. ކައުންސިލްގެ ރަސްމީ ޖަލްސާއިން ފެށިގެން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި، ހާއްސަކޮށް ފޭސްބުކާއި އެކްސްގައި އޭނާ ގެންދަވަނީ ފާޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް ފުރައްސާރަކުރައްވަމުންނެވެ. ސިޔާސީ ފާޑުކިޔުމުގެ އިމުން ބޭރުވެ، ޒާތީ ގޮތުން ދިމާކުރުމާއި، އަބުރު ކަތިލުމުގެ ގޮތުން ތަފާތު ޕޯސްޓުތައް އޭނާ ދަނީ މެދުކެނޑުމެއްނެތި ކުރައްވަމުންނެވެ. އަދި އެންމެފަހުން ބޭއްވި ކައުންސިލް ރަސްމީ ޖަލްސާގައި ރައީސް އަށް އިޙްތިރާމްކުޑަކޮށް ޒަހިއްޔާ ދެއްކި ވާހަކައަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިއީ ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ދޭންޖެހޭ އެންމެ ކުޑަ އިހުތިރާމްވެސް ނެތި ކުރަމުންދާ ކަންކަމެވެ.
މީގެ އިތުރުން، ސަރުކާރުގެ އެކި ފަރާތްތަކަށާއި އިސް މަގާމުތަކުގައި ތިއްބެވި ވަޒީރުންނާއި އޮފިޝަލުންނަށް ނިސްބަތްކޮށް ހަޑިހުތުރު އެއްޗެހި ގޮވުމަކީ ޒަހިއްޔާގެ އާދައަކަށް ވަނީ ވެފައެވެ. އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އާންމު މަންސަތަކުގައި މިފަދަ ހަޑިހުތުރު ބަސްތައް ބޭނުންކުރުމަކީ ކައުންސިލަރެއްގެ ހައިސިއްޔަތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މިއީ އޭނާގެ ކިބައިގައި އެއްވެސް މިންވަރެއްގެ އަހުލާގެއް، އަދި ގޮތެއް ފޮތެއް ނެތްކަން ހާމަކޮށްދޭ ވަރަށް ސާފު ހެއްކެކެވެ. މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި އެހެން އެއްވެސް ކައުންސިލަރެއްގެ ފަރާތުން މިފަދަ ދަށުދަރަޖައިގެ އަމަލުތަކެއް ނުފެންނައިރު، ޒަހިއްޔާގެ މި އަމަލުތަކަކީ މުޅި މުއައްސަސާގެ އަބުރާއި އިއްޒަތަށްވެސް އުނިކަން ލިބޭ ކަމެކެވެ. މުޖުތަމައުގެ ޒުވާނުންނާއި ކުޑަކުދިންނަށް މިފަދަ ބޭފުޅުންގެ ފަރާތުން ލިބެނީ ވަރަށް ނުބައި ނަމޫނާއެކެވެ. ސޯޝަލް މީޑިއާއަކީ އެތައް ބަޔަކު ބޭނުންކުރާ ވަސީލަތަކަށް ވާއިރު، އާންމު މަގާމެއްގައި ހުރެ އެތަނުގައި ހަޑިހުތުރު ބަސްތަކުން މުއާމަލާތްކުރުމަކީ މުޖުތަމައުގެ އަހުލާގީ ފޭރާން ވީދިގެންދާނެ ކަމެކެވެ.
ރަސްމީ ވަޒީފާގެ ޒިންމާތައް އަދާނުކޮށް ކެމްޕެއިންގައި އުޅުން
ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށް، ދައުލަތުގެ ބަޖެޓުން ބޮޑު މުސާރައެއް ދެނީ ރައްޔިތުންނަށް ހިދުމަތްކުރުމަށާއި، ކައުންސިލްގެ ރަސްމީ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވުމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުންނަށް މަތިކޮށްފައިވާ އެންމެ ބޮޑު އެއް ވާޖިބަކީ ދާއިރާގެ ރައްޔިތުންގެ ހާލަތު ބަލައި، އެމީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކައުންސިލްގެ ތެރެއިން މަސައްކަތް ކުރުމެވެ. އެހެންނަމަވެސް، ކައުންސިލަށް ހަމަ އިންތިޚާބު ވުމާއިއެކު، ޒަހިއްޔާގެ ފަރާތުން ފެންނިގެން ދިޔައީ ރަސްމީ ވަޒީފާގެ ޒިންމާތައް އެއްކޮށް ދޫކޮށްލުމަށްފަހު، އެމްޑީޕީގެ އެކި ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވި މަންޒަރެވެ. ކައުންސިލްގެ މުހިންމު ބައްދަލުވުންތަކަށް ހާޒިރުވުމަށާއި ދާއިރާގެ މަސައްކަތްތަކަށް ވުރެ ބޮޑަށް އޭނާ އިސްކަންދިނީ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށާއި މުޒާހަރާތަކަށެވެ. އޭނާގެ ފުރަތަމަ ޒިންމާއަކަށްވީ އެމްޑީޕީ ޗެއާޕާސަން ކަމަށް ނަޝީދު ގެނައުމަށް ކެމްޕޭނުކުރުމެވެ.
މިކަމުގެ ސަބަބުން އޭނާ ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންވެސް ވަނީ އޭނާއަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، އޭނާއަށް ފާޑުކިޔާ ކޮންމެ އާންމު ރައްޔިތަކަށްމެ ޖަވާބު ދެނީ ފުރައްސާރަވާގޮތަށް ސިޔާސީ ހަމަނުޖެހުންތައް އުފެއްދުމަށެވެ. މިއީ ރައްޔިތުން އޭނާއަށް ކުރި އިތުބާރަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ.
ދާއިރާގެ ރައްޔިތުން ބޭނުންވާނީ ނަތީޖާ ނެރެދޭނެ، ޒިންމާދާރު ކައުންސިލަރެކެވެ. މަގާމުގެ މަސްއޫލިއްޔަތުތައް ދޫކޮށްލުމަށްފަހު، ބާޒާރުމަތީ ބަހުން މީހުނާ ޒުވާބުކޮށް ސިޔާސީ ޝިއާރުތައް ފާޅުކުރުމަށް ވަގުތު ހުސްކުރުމަކީ ލާމަރުކަޒީ ނިޒާމުގެ އަސްލު މަގުސަދާވެސް ހިލާފު ކަމެކެވެ.
ހިލޭ ފިރިހެނުންގެ ސަމާލުކަން ހޯދުމަށް ނަށާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން
ޒަހިއްޔާގެ އަމަލުތައް ހަމައެކަނި ސޯޝަލް މީޑިއާގެ ފުރައްސާރައަކުން އަދި ކެމްޕެއިންގައި ބައިވެރިވުމަކުން ނިމެނީކީ ނޫނެވެ. މަގުމައްޗަށް ނުކުމެ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނަށާއި ނާޖަރަންގީ ކުޅުމަކީ އޭނާގެ އާދައަކަށް ވަނީ ވެފައެވެ. މުޒާހަރާތަކާއި މަގުމަތީގެ ހަރަކާތްތަކުގައި ބައިވެރިވެ، އާންމުންގެ މަސްލަހަތު ގެއްލޭ ގޮތަށް އަޑުގަދަކޮށް، ބޭއަދަބީ ހަރަކާތްތައް ކުރުމަކީ އިންތިހާބީ މަގާމެއްގައި ހުރި މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވެ، މަގުމަތީގެ އަމާންކަން ގެއްލިގެންދެއެވެ. އެމްޑީޕީން ހިންގާ ކޮންމެ މުޒާހަރާއެއްގައި ޒަހިއްޔާގެ ކިބައިން ފެނުނީ ފިރިހެން ފުލުހުންނާ މައްލަވަކޮށް، އަންހެނުން އުޅެން ނުވާފަދަ ގޮތްގޮތަށް އަމަލުތައް ބަހައްޓާ މަންޒަރެވެ. މަގުމަތީގައި ހިންގޭ މިފަދަ ދަށުދަރަޖައިގެ އަމަލުތަކަކީ ދިވެހި މުޖުތަމައު ގަބޫލުކުރާ ފަދަ ކަންކަމެއް ނޫނެވެ.
މީގެ އިތުރުން، އަމަންއަމާންކަން ގާއިމުކުރުމަށް މަސައްކަތްކުރާ ދިވެހި ފުލުހުންގެ ވާޖިބަށް ގަސްދުގައި ހުރަސްއެޅުމަކީވެސް ޒަހިއްޔާގެ ފަރާތުން ފެންނަ ވަރަށް ނުރައްކާތެރި އަމަލެކެވެ. ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވެ، ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނާ ދިމާލަށް ހަޅޭއްލަވައި، އެފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުމަކީ އޭނާ ފާޅުގައި ކުރަމުންދާ ކަމެކެވެ. ދައުލަތުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ބަދަލުގައި، ގާނޫނު މުގުރާލައި ފުލުހުންނާ ކުރިމަތިލުމަކީ އޭނާގެ ކިބައިގައި ޒިންމާދާރުކަމުގެ އެއްވެސް ސިފައެއް ނެތްކަން ސާބިތުކޮށްދޭ ކަމެކެވެ. ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރޭގަނޑާއި ދުވާލު މަސައްކަތްކުރާ ބަޔަކަށް ވާއިރު، ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ މުޅި މުޖުތަމައު ކުށްވެރިކުރާނެ ކަމެކެވެ. ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ ކުރިމަތިލުމަކީ ހަމަޖެހޭ މުޖުތަމައެއްގައި އޮވެގެންވާނެ ކަމެއް ނޫނެވެ. ޒަހިއްޔާ ދާދި ފަހުން ފުލުހުންނަށް އަނިޔާދޭން ފުލުހުން ގަޔަށް ގިތެޔޮމިރުސް ފެން ޖަހަން ގޮވާ ދިން އިންޒާރުގެ މައްސަލަވެސް ދަނީ ބަލަމުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރު ޒަހިއްޔާގެ މި އަމަލުތަކަކީ މުޅި ލާމަރުކަޒީ ނިޒާމަށް ހުރި ހުތުރެކެވެ. ގޮތެއް ފޮތެއް ނެތް ގޮތުގައި، އަހުލާގީ މިންގަނޑުތަކުން ބޭރުވެ އޭނާ ކުރައްވަމުންދާ ކަންކަމުގެ ސަބަބުން، ކައުންސިލަރުންނާ މެދު ރައްޔިތުން ދެކޭ ގޮތް ދަނީ ގޯސްވަމުންނެވެ. ސިޔާސީ ވާދަވެރިކަމަކީ ޑިމޮކްރަސީގައި އޮންނަންޖެހޭ ކަމެއް ނަމަވެސް، އެކަން ކުރަންވާނީ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިންނެވެ. ފޭސްބުކާއި އެކްސްގައި އަދި ކައުންސިލްގެ ރަސްމީ ޖަލްސާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ފުރައްސާރަކުރުމާއި، ސަރުކާރުގެ އިސްވެރިންނަށް ހަޑިހުތުރު އެއްޗެހި ގޮވުމާއި، އާންމުންނަށް ގަނާ ކުރުމާއި، މަގުމަތީގައި ނަށާ އަޑުގަދަކޮށް، ހިލޭ ފިރިހެނުންނާ މައްލަވަކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅައި، އެފަރާތްތައް ޖަވާބުދާރީ ކުރެވެން ޖެހެއެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން، މިފަދައިން ގޮތެއްފޮތެއްނެތި ކައުންސިލްގެ ގޮނޑިއެއްގައި އިނުމުގެ ހައްގު އޮތްތޯ މިއަދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. އިންތިހާބީ މަގާމުތަކުގެ ގަދަރާއި ހައިބަތު ހިފެހެއްޓޭނީ، އެ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ އަހުލާގު ރަނގަޅު، ޒިންމާދާރު ބަޔަކަށް ވެގެންނެވެ.
ޒަހިއްޔާގެ އަމަލުތައް ހުރިގޮތުން، އޭނާއަކީ އެ މަގާމަށް ކުފޫހަމަވާ މީހެއްކަމާމެދު ގިނަ ބަޔަކު ވަނީ ޝައްކު އުފައްދާފައެވެ. ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ސީރިއަސްކޮށް ނަގައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ މިއަދު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.





އެހެންވީމަ މީނަ ހޮވި މީހުންވެސް ލަދުގަންނާނެ ދެރަވާނެ މިވަރު މީހަކު ހޮބުނީތީވެސް ފެންނަނީ ވިދާ ހެދުން ލާގެން މުޒާހަރާތަކުގަ ހުސްކޮން ދުވާތަން އެއްވެސް ކަމެއް ނުކޔރެ
ވަރަށް ރަނގަޅު ވާހަކައެއް. ހަޑިހުތުރު ބަހުން ހަޅޭލަވާހެދުމުން ދޭހަވާނީ އެ މީހެއްގެ އަޚުލާގެއް ނެތްކަން
ތިޔައީ ވާނުވާ އެނގޭ އަންހެނެއްނޫން. ހޯރަފުށީ ކޫޑިއެއް. ދޮށީ 2 ދަރި ތުއްތުއިރު އެއްލާލާފަ ވަޒީފާ އިންޓަވިއުއަށް ދިޔައީ މޫކޭގާތަށް. ދެންވީގޮތް ނެތިން ބުނާކަށް. ޅަ ދަރިންތަކެއް ބަފާ ބޮލަށްޖަހާފަ ދިޔަ އަންހެނަކު ލަދެއް ގަންނާނެތަ؟ ޗީޗީ