ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނިންމައި އިމްޕޯރޓް އެކްސްޕޯރޓުގެ ގާނޫނަށް އިސްލާހު ގެނައުމަކީ ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ކުޑަކުރަން ނިންމީ ކެބިނެޓްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. މީގެ ކުރިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމީ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް އިތުރުވެދާނެ ކަމަށް ބެލެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދުންފަތުގެ ބާވަތްތަައް ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެދާނެ ކަމަށް ބެލެވޭތީ އަޅުގަނޑުމެން ވިސްނީ މި ބަދަލު ގެންނަން، މި ބަދަލު ގެނެސްގެން މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަކަށް ނުދެކެން،“ – ރައީސް ވިދާޅުވިއެވެ.
ސިނގިރޭޓްގެ ކަންކަން ކުރިއަށްގެންދަނީ ވަކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި އެކަން ކުރިއަށްގެންދަނީ މި މުޖުތަމައަކީ ދުޅަހެޔޮ މުޖުތަމައަކަށް ހަދަން ވަށައިޖެހޭ ސިއްހީ ސިޔާސަތެއްގެ ތެރެއިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ޖެހުނީ، ސިނގިރޭޓު އަގު ބޮޑުކުރުމުގެ ސަބަބުން އެެހެން ބާވަތްތައް އާންމުވުމުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އޭގެ ތެރޭގައި ސިނގިރޭޓަށްވުރެ އެތަކެއް ގޮތަކުން ސިއްހަތަށް ނުރައްކާތެރި ބާވަތްތައް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.












