- އިންޑިއާއަކީ މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ (އިސްލާމްފޯބިއާ) ބޮޑު ހާއްޔަކަށް ވެފައިވާކަން، އެ ޤައުމުގެ ދީނީ އަދި ސިޔާސީ އިސް ލީޑަރުންގެ ބަސްމަގުން އިތުރަށް ހާމަވެއްޖެއެވެ. ވެރިކަންކުރާ ބީޖޭޕީގެ އިސް ސިޔާސީ ވެރިންނާއި، ހިންދޫ ހަރުކަށި ފާދިރީން ގުޅިގެން މުސްލިމުން ނައްތާލުމަށް (ޖެނޮސައިޑް) ފާޅުގައި ގޮވާލަމުންދާއިރު، މިކަމަށް ސަރުކާރުގެ ފުރިހަމަ ހިމާޔަތް އޮތްކަން ވަނީ ހާމަވެފައެވެ.
ނަރްސިންގހާނަންދު އާއި ނަފްރަތުގެ ތާރީޚު
މަޝްހޫރު ހިންދޫ ފާދިރީ ޔަތީ ނަރްސިންގހާނަންދަކީ މީގެ ކުރިންވެސް އެތައް ފަހަރަކު އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލާފައިވާ މީހެކެވެ. އޭނާއާ ދެކޮޅަށް އެތައް މައްސަލައެއް ހުށަހެޅިފައިވީ ނަމަވެސް، އޭނާ ހުންނަނީ މިނިވަންކަމާއެކުގައެވެ. އެންމެ ފަހުން އޭނާ މިވަނީ ހިންދޫތުވްތާ އެކްޓިވިސްޓް އަނިލް ޔާދަވް، މުސްލިމުން މެރުމަށް ގޮވާލި ގޮވާލުމަށް ތާޢީދުކޮށްފައެވެ. މިކަމަށް ތާޢީދުކުރަމުން އޭނާ ވަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަކީ އިންޑިއާގައި ވެސް މުސްލިމުންނާ ދެކޮޅަށް ބޭނުންކުރެވިދާނެ ”މޮޑެލް“ އެއް ކަމަށް ބުނެފައެވެ.
ބީޖޭޕީގެ ލީޑަރުންނާއި ”އިޒްރޭލު މޮޑެލް“
މި ނަފްރަތުގެ ވާހަކަތަކަކީ ހަމައެކަނި ދީނީ ފާދިރީންގެ ފަރާތުން އަންނަ ކަމެއް ނޫނެވެ. ދާދި ފަހުން ހުޅަނގު ބެންގޯލްގެ ޗީފް މިނިސްޓަރުކަމާ ޙަވާލުވި ބީޖޭޕީގެ އިސް ލީޑަރު ސުވެންދު އަދިކާރީ ވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ”އިޒްރޭލު މޮޑެލް“ ބޭނުންކުރުމަށް ހިތްވަރުދީފައެވެ. މިއީ ވެރިކަންކުރާ ޕާޓީގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން ވެސް މިފަދަ ނުރައްކާތެރި ފިކުރު ގެންގުޅޭކަން ސާބިތުކޮށްދޭ ކަމެކެވެ.
ނިޒާމީ އިސްލާމްފޯބިއާ އަދި ސަރުކާރުގެ ދައުރު
މި ޙާދިސާތަކުން ސާފުވަނީ، އިންޑިއާއަކީ މުސްލިމުންނާ ދެކޮޅަށް ސިސްޓަމެޓިކް ގޮތެއްގައި ނަފްރަތު އުފައްދައި، އެކަން ފަތުރަމުންދާ ޤައުމެއް ކަމެވެ. މިލިއަނުން މީހުންގެ މައްޗަށް ނުފޫޒު ފޯރުވޭ ފަދަ ދީނީ ލީޑަރުންނާއި، ޤައުމުގެ އެންމެ މަތީ ސިޔާސީ މަޤާމުތަކުގައި ތިބި ބީޖޭޕީގެ ވެރިން ގުޅިގެން މުސްލިމުން ނައްތާލުމަށް ގޮވާލުމަކީ އިންޑިއާގެ 200 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. މިފަދަ ހަރުކަށި ފަރާތްތަކާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅުމަކީ، މި ޢަމަލުތަކަށް ސަރުކާރުގެ ފުރިހަމަ ރުހުން އޮތްކަން ހާމަވާ ކަމެކެވެ.












