މާލެ ސިޓީއަކީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވިޔަސް، ނިސްބަތުން އެންމެ ކުޑަ ބިމެއްގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ، އަދި އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ސިޓީއެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާލޭގެ އާބާދީ އިންތިހާއަށް އިތުރުވެ، އެއާ އެއްވަރަށް އެއްގަމު އުޅަނދުފަހަރުގެ އަދަދު ވަނީ އަންދާޒާ ނުކުރެވޭހާ މައްޗަށް ގޮސްފައެވެ. ނަމަވެސް، އެ ނިސްބަތާ އެއްވަރަކަށް މަގުތަކުގެ ޖާގަ އިތުރުކުރެވިފައި ނުވުމުގެ ސަބަބުން، ޕާކުކުރާނެ ޖާގަ ނުލިބުމަކީ މިއަދު މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މަގުތަކުގެ ދެފަރާތުގައި އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ދުއްވާ އުޅަނދުތަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޚާއްސަކޮށް އޮފީސްތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތައް ފަދަ އާންމު ޚިދުމަތްދޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ޕާކުކުރާނެ ޖާގައެއް ހޯދުމަކީ ކޮންމެ ދުވަހަކު އާންމު ރައްޔިތުން ތަހައްމަލުކުރަމުންދާ ވަރަށް ބޮޑު ވޭނެކެވެ. މީގެ ސަބަބުން ރައްޔިތުންގެ އަގުހުރި އެތައް ވަގުތެއް ބޭކާރުވެ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މި ބޮޑު މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތެވެ. ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ކުރިން ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް، އަދި މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޕާކިންގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިއަދު ޤައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، މާލޭގެ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމަށްޓަކައި ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދީގެން އަމަލީ މަސައްކަތްތަކެއް ފަށާފައެވެ.
ސަރުކާރުގެ އަމާޒަކީ ހަމައެކަނި ވަގުތީ ގޮތުން މަގުތަކުން އުޅަނދުތައް ނެގުމުގެ ބަދަލުގައި، އެ އުޅަނދުތައް ރައްކާތެރިކަމާއެކު ޕާކުކުރެވޭނެ އެކަށީގެންވާ ޖާގަ ހޯދައިދިނުމެވެ. މިގޮތުން، ޕާކިންގ އިމާރާތްތައް އެޅުމާއި، މަގުތައް ފުޅާކޮށްގެން ޕާކިންގ ޒޯންތައް އިތުރުކުރުމަކީ މި ސިޔާސަތުގެ މުހިންމު ބައެކެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢު އެއްކޮށް ނިމުމުން، މާލޭގެ މަގުމަތީގެ ކާރޫބާރޫއަށާއި، ޕާކުކުރާނެ ޖާގަ ނުލިބުމުގެ މައްސަލައަށް އިންގިލާބީ އަދި ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމާއި ތާރު އެޅުމުގެ ބިޔަ މަޝްރޫޢު
މާލޭގެ ބޮޑުތަކުރުފާނު މަގަކީ އެންމެ ގިނަ އަދަދަކަށް އުޅަނދުފަހަރު ދަތުރުކުރާ، އަދި އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެންމެ މުހިންމު އެއް މައި މަގެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކުރެވި، މިހާރު ދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީކުރުމެވެ. ހަތްސަތޭކަ މީޓަރަށްވުރެ ދިގު މި ސަރަޙައްދުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިއީ މާލޭގެ ތާރީޚުގައިވެސް ހިންގޭ މަގު ހެދުމުގެ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ އެއް މަޝްރޫޢެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަގު ފުޅާކުރުމަށްޓަކައި ކޮށްފައިވާ ފަންނީ އަދި އުމްރާނީ ބޮޑު މަސައްކަތެވެ. އެގޮތުން، މަގަށް އިތުރު ޖާގަ ހޯދުމުގެ ގޮތުން މާލޭގެ އުތުރު ފަރާތު އެއްގަމުތޮށި ވަނީ ހަ މީޓަރު ބޭރަށް ޖައްސާފައެވެ. އަދި އައު އެއްގަމުތޮށްޓެއް ލައި، ހަސަތޭކަ ދިހަ މީޓަރުގެ ސަރަޙައްދެއް ވަނީ އެއްކޮށް އާކޮށްފައެވެ. މީގެ އިތުރުން، މަގުގެ އަޑިން ގެންދަންޖެހޭ ހުރިހާ ވިއުގަތަކެއްވެސް ވަނީ އެންމެ ޒަމާނީ ފެންވަރަށް ފަރުމާކޮށް ނިންމާފައެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މައި ހޮޅިތަކާއި، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތަކާއި، އަދި ވާރޭވެހުމުން މަގުމަތީގައި ފެންބޮޑުވިޔަ ނުދިނުމަށްޓަކައި ޤާއިމުކުރާ ފެންހިންދާ ޒަމާނީ ނިޒާމު ހިމެނެއެވެ. މި ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު، މިހާރު ދަނީ މަގުގައި ތާރުއެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ޖުލައި މަހުގެ އެއްވަނަ ދުވަހު ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށި މި މަސައްކަތް ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއެޅިއެވެ. އަދި އެއަށްފަހު ބާކީ އޮތް ބައިގައި ތާރުއަޅައި ނިންމާލާ މިއަދު މިވަނީ އާންމުންނަށް މަގު ހުޅުވާލާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުން ވާ ފަސޭހަތައް
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެން ދިއުމަކީ ހަމައެކަނި މަގު ރީތިވުމެއް ނޫނެވެ. މިއީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް ގެނުވާނެ ވަރަށް މުހިންމު ކަމެކެވެ. އެންމެ ބޮޑު އެއް ފަސޭހައަކަށް ވެގެންދާނީ، ރައީސް ވިދާޅުވި ފަދައިން، ޕާކިންގެ މައްސަލައަށް ލިބިގެންދާނެ ބޮޑު ލުޔެވެ. މި މަޝްރޫޢުގެ ތެރެއިން، ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު، ބޭންކް އޮފް ސިލޯން ކުރިމަތިން 580 ސައިކަލަށް އެއްފަހަރާ ޕާކުކުރެވޭނެ ޚާއްސަ، ޖާގަ ތަނަވަސް ސަރަޙައްދެއް ވަނީ ތަރައްޤީކޮށްފައެވެ. މިއީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަޙައްދުގައި ހުރި ބޮޑެތި އޮފީސްތަކަށާއި ބޭންކުތަކަށް ޚިދުމަތް ހޯދަން އަންނަ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. މީގެ ސަބަބުން، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ޕާކުކުރާނެ ޖާގައެއް ނުލިބިގެން މަގުމަތީގައި ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރެވި، ދުވަހުގެ ތާވަލަށް ބުރޫނާރައި ކަންކަން ނިންމާލުމުގެ މަގު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، މަގު ފުޅާވެގެން ދިއުމާއެކު، އުޅަނދުފަހަރުގެ ތޮއްޖެހުން އިންތިހާއަށް ކުޑަވެ، ދުއްވާ އުޅަނދުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް ޤާއިމުވެގެންދާނެއެވެ. މިއީ އާންމު ރައްޔިތުންގެ އަގުހުރި ވަގުތު ސަލާމަތްވެ، ތެލަށް ކުރާ ބޭކާރު ހޭދަ ކުޑަވެގެންދާނެ ކަމެކެވެ. ހަމައެއާއެކު، ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްގެން ފުޅާ، އޮމާން ދުވާރުތަކެއް ހެދިގެން ދިއުމަކީ، ރައްކާތެރިކަމާއެކު މީހުންނަށް މަގުމަތީގައި އުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ. ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިނގާބިނގާވެ އުޅެވޭނެ ރައްކާތެރި މާހައުލެއް ޤާއިމުވެގެންދާނެއެވެ.
އަނެއްކޮޅުން، ވާރޭވެހޭ ދުވަސްދުވަހު މާލޭގެ މަގުމަތީގައި ފެންބޮޑުވެ، އާންމުންނަށާއި ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަށްވެސް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މަގުގެ އަޑީގައި ޤާއިމުކުރެވިފައިވާ ފެންހިންދާ ޒަމާނީ ނިޒާމުގެ ސަބަބުން، ވާރޭވެހޭތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މަގުމަތިން ފެން ހިނދިގެންދާނެއެވެ.
މިއީ ވިޔަފާރިވެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ. އެހެންކަމުން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަކީ މުޅި މާލޭގެ އުތުރު ފަރާތުގެ މަލަމަތި ޒަމާނީކޮށް ބަދަލުކޮށްލާ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ހިތްފަސޭހަ ސިޓީއަކަށް މާލެ ހެދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ސީދާ ރައްޔިތުންގެ ޖީބަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ މުހިންމު ބަދަލެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަކީ ބޭކާރު ކަމެއްކަމަށް ބުނާ ފަރާތްތަކަށް ދޭ ވަރުގަދަ ރައްދު
ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މިފަދަ ބޮޑެތި، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ރަނގަޅުކޮށްދޭނެ ކަންކަން ކަމުގައި ވީނަމަވެސް، އިދިކޮޅު ފަރާތްތަކުން މި މަޝްރޫޢާ ގުޅޭގޮތުން ހަގީގަތާ ހިލާފު، އަދި އެއްވެސް ޒިންމާދާރުކަމެއް ނެތް ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. އެފަރާތްތަކުން ބުނަމުންދަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަކީ ބޭކާރު ކަމެއް ކަމަށާއި، މިއީ ދައުލަތުގެ ވަސީލަތްތައް އިސްރާފުކުރުން ކަމަށެވެ. ނަމަވެސް މިއީ އެއްވެސް އަސާސެއް ނެތް، ހަމައެކަނި ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ހަނި ވިސްނުމުގައި ދައްކަމުންދާ ވާހަކަތަކެއްކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ސާފުކޮށް އެނގެން އޮވެއެވެ. މާލޭގެ ރައްޔިތުންނާއި، މާލެއަށް ޒިޔާރަތްކުރާ އެތައް ހާސް ރައްޔިތުންނެއް ކޮންމެ ދުވަހަކު ބޭނުންކުރާ މައި ނާރު ފަދަ މަގެއް ތަރައްޤީކުރުމަކީ ކޮން ގޮތަކުން ބެލިނަމަވެސް ބޭކާރު ކަމަކަށް ނުވާނެއެވެ.
އެންމެ ފުރަތަމަ ކަމަކަށް، މާލޭގެ ރައްޔިތުން ކޮންމެ ދުވަހަކު މަގުމަތީގައި ހޭދަކުރާ އެތައް ގަޑިއިރަކާއި، ޕާކުކުރާނެ ޖާގައެއް ނުލިބިގެން ތަހައްމަލުކުރާ ނަފްސާނީ އަދި ޖިސްމާނީ ވަރުބަލިކަމަކީ އެއްގޮތަކަށްވެސް ކުޑަ ކަމެއް ނޫނެވެ. އެތައް ހާސް ރައްޔިތުންނެއް ކޮންމެ ދުވަހަކު ބޭނުންކުރާ މަގެއް ފުޅާކޮށް، އެތަނުގައި 580 ސައިކަލުގެ ޕާކިންގ ޖާގަ ހެދުމަކީ ބޭކާރު ކަމެކޭ ބުނާ ބުނުމަކީ، ދިވެހި ރައްޔިތުންގެ އިހުސާސްތަކަށާއި، ރައްޔިތުން ކޮންމެ ދުވަހަކު އުފުލަމުންދާ ތަކުލީފުތަކަށް ކުރެވޭ ވަރަށް ބޮޑު ފުރައްސާރައެކެވެ. އުމްރާނީ ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓުން އިމާރާތްތަކެއް ހެދުން ނޫންކަމާއި، އެއީ ރައްޔިތުންނަށް އުފާފާގަތި، ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުންކަން އިދިކޮޅު ފަރާތްތަކަށް ނުވިސްނުމަކީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ. ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ ހޭދައަކީ ދުވަހަކުވެސް އިސްރާފަކަށް ނުވާނެއެވެ.
މީގެ އިތުރުން، މަގުތައް ގޯސްކޮށް އޮތުމުގެ ސަބަބުން އުޅަނދުތަކަށް ލިބޭ ގެއްލުމާއި، އުޅަނދުފަހަރުގެ ތޮއްޖެހުމުގެ ސަބަބުން ބޭކާރުވެގެންދާ ތެލުގެ ޚަރަދާއި ވަގުތަށް ބަލާއިރުވެސް، މިއީ އިޤުތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ޤައުމަށް ކުރިމަތިކުރުވާ ކަމެކެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރެވިގެން ދިއުމުން، މިފަދަ އިޤުތިޞާދީ ގެއްލުންތަކުން ރައްޔިތުންނާއި ދައުލަތް ސަލާމަތްވެގެންދާނެއެވެ. ކުރީގެ ސަރުކާރުތަކުން މާލޭގެ މަގުތައް ތަރައްޤީކުރުމަށް އެކަށީގެންވާ ސަމާލުކަމެއް ނުދީ ދޫކޮށްލާފައި އޮތުމުގެ ނަތީޖާއަކީ މިއަދު މިފެންނަ ހިތްދަތި މަންޒަރުތަކެވެ. އެމީހުންގެ ވެރިކަމުގައި މި މައްސަލަ ހައްލުކުރުމަށް އެއްވެސް ހަރުދަނާ ފިޔަވަޅެއް އެޅިފައި ނުވާއިރު، މިއަދު ރައީސް މުޢިއްޒުގެ ސަރުކާރުން ކެރިގެން މި ބޮޑު މަޝްރޫޢާ ހަވާލުވެ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް އަމަލީ ހައްލެއް ހޯދައިދެއްވުމަށް ކުރައްވާ މަސައްކަތަށް ފާޑުކިޔުމުގެ އެއްވެސް ޙައްޤެއް އިދިކޮޅު ފަރާތްތަކަކަށް ނޯންނާނެއެވެ.
މިއީ ވަސީލަތްތައް ބޭކާރުކުރުން ނޫންކަމާއި، މިއީ މާލޭގެ މުސްތަޤުބަލަށްޓަކައި، އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް އިންވެސްޓްމަންޓްކަން ކަށަވަރެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މާލެއަކީ ދިރިއުޅެން ހިތްފަސޭހަ، ތަހުޒީބު ސިޓީއަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ތަޞައްވުރުގެ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މާލޭގެ މަލަމައްޗަށް އަންނަ އުޖާލާ ބަދަލުވެގެންދާނީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ދައްކަމުން އަންނަ ނަމޫނާގެ އަލިގަދަ ހެއްކަކަށެވެ.




