ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއަކީ ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހޫނު ރައްދެއް ދެއްވައިފިއެވެ.
“ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވެ އެކަމުގެ ފަސޭހަކަން މިއަދު ރައްޔިތުންނަށް ފެންނަން ފަށައިފި ކަމަށެވެ.
މާލޭގެ ވަށައިގެންވާ މަގުގެ ތޮއްޖެހުމަށް ހައްލު އައުމުން މާލޭގެ އެތެރޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މުންދު ވަނީ ބޭކާރު ހަރަދަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ. ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން މުންދު ވަނީ ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީކުރި ކޮންވެންޝަން ސެންޓަރަކީ އެއްވެސް ޕްލޭނެއްނެތި ތަރައްގީކޮށްފައިވާ ތަނެއް ކަމަށާއި އެއީ އޭރުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެފައެވެ.
”ބޭކާރު ހަރަދަކީ ސާކް ސަމިޓެއް ބާއްވަންވެގެން ބޮޑު މާސް ލޭންޑެއް ކޮނެ، އެތަނުގައި އިމާރާތެއް އަޅައި ކަމެއްކުރާނެ ވިސްނުމެއްނެތި އިމާރާތެއް އަޅަން މާލިއްޔަތުން ހަރަދުކުރުން، އަޅުގަނޑުގެ ނަޒަރުގައި އެއީ ބޭކާރު ހަރަދަކީ، ރައްޔިތުން ބޭނުންކުރާ ބޭންކުތައް، އޮފީސްތައް، ވިޔަފާރިތައް، އަދި މިނޫނަށް އާންމު ރައްޔިތުންނަށް ފަސޭހައަށް ކުރާ ކަންކަމަކީ ބޭކާރު ހަރަދެއް ނޫން،“ – މުންދު ވިދާޅުވިއެވެ.
ނަޝީދުގެ ވެރިކަމުގައި ތަރައްގީކުރި ކޮންވެންޝަން ސެންޓަރު މިހާރު ބޭނުންކުރަމުން އަންނަނީ ހޮސްޕިޓަލެއްގެ ގޮތުގައެވެ. އެތަން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ ތެރޭގައެވެ.











