މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އިންސާފުވެރި އަދި ހާމަކަން ބޮޑު މަޝްރޫއުތަކެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީގެކުރީގެ ސަރުކާރުތަކުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ބަޔަކަށް ގޯއްޗާއި ފުލެޓް ބަހާލި ކަމަށާއި އެކަމުގެ ޝަކުވާތައް އަބަދުވެސް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، އެފަދަ ނާޖާއިޒު އަމަލުތައް ނިމުމަކަށް ގެނައުމަކީ އެންމެ ބޮޑު އަހައްމިއްޔަތު ކަމެއްދެއްވައިގެން ކުރައްވާނެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވަނީ، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް ވީތީ އިސްކަން ނުދޭނެ ކަމަށާއި އަދި ވެރިފިކޭޝަން މަސައްކަތް ކުރާ ޓީމުތަކުން ވެސް އެއްވެސް ނުފޫޒެއްގެ ދަށުން މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މި ސަރުކާރު ވެގެން ގޮސްފައިވަނީ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު މިހާތަނަށް ހިންގި ސަރުކާރުގެ ގޮތުގައެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނިވެސް ޖުމުލަ 15،000 ގޯއްޗާއި 7،900 ފުލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗަށް އެދި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
މި އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި މަސައްކަތްތައް މުޅިން ނިންމާލުމާއެކު އާންމުންނަށް ވަގުތުން އެ ތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.












