މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ރ. ދުވާފަރުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު، މާވެލި، އުމުރުން 21 އަހަރުގެ މާޢިޝް އަޙްމަދެވެ. ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ މި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ރަށު މަގުމަތިންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 75 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
މާޢިޝް އަޙްމަދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.













