ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާ ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، ތަނަށް ގެއްލުންތަކެއް ދެމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ފެންނަން ހުރި ހަމައެކަނި ބިނާ ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން މި ވުޒާރާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މިކަން މިވުޒާރާގެ ސަމާލުކަމަށް އައުމާއެކު ވުޒާރާއިން މި ދަނީ… pic.twitter.com/ITLssbXedK— Ministry of Arts, Culture and Heritage (@MoDLCH) June 25, 2026
މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު މިނިސްޓްރީން ދަނީ ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަހައްދުގައި މިނިސްޓްރީގެ ފަރާތުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާނެ ކަމަށާއި ނަމަވެސް ކައުންސިލުން މިނިސްޓްރީއަށް އެތަން ހަވާލުކޮށްފައިނުވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) އިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރު ހުޅުވުނީވެ ސް މި އިމާރާތުގައެވެ. މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަނެކެވެ. އުސްގެކޮޅު ފަދަ ތާރީހީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވެއެވެ.
ގާނޫނާއި ގަވާއިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން ހެރިޓޭޖް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.













