ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާއަށް ފައިސާ ދައްކަން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައިދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް، ވިސާއަށް ފައިސާ ދެއްކުމަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ބޭންކުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބީއެމްއެލްގެ ސްޕޯކްސްޕާސަން ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލްއިން ކާޑަަށް ލިމިޓް ދެމުން އައީ ކޮންމެ ކޭސްއެއް ވަކިން ބެލުމަށްފަހުގައެވެ. އޭގެ ތެރޭގައި، ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެން ހަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ބޭންކުން ފަހިކޮށްދެއެވެ.
ހަޔަރ އެޑިއުކޭޝަން ގާއިމުކުރެވިފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ވެސް ބޭންކުން ހަމަޖައްސައިދީފައިވާ ބީއެމްއެލްގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
މި ބަދަލަކީ ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ލިބޭނެ އިންތިޒާމެއް ފަސޭހަކޮށްދިނުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށް އެ ބޭންކުން ވަނީ މައުލޫމާތުދީފައެވެ.













