މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ވަޒީރަކަށް ޙަސަން ޒަރީރު އައްޔަން ކުރައްވައި، ރުހުން ހޯއްދެއްވުމަށް މަޖިލީހަށް ފޮނުއްވުމާ ގުޅިގެންނެވެ. މި މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށް އިއްތިފާޤުން ނިންމާފައެވެ.
ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، ޒަރީރަށް ރުހުން ދިނުމަށް ފާސްވީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާޤުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޙަސަން ޒަރީރު މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ބޭފުޅުންނަށް ފުރިހަމަ ޤާނޫނީ ބާރުވެރިކަން ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމުންނެވެ.
ޙަސަން ޒަރީރަކީ މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރު ކަމާއި، ކޮމިޝަނަރުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް އިން ފިނޭންސް ހާސިލްކުރައްވާފައެވެ.
މާލީ ވަޒީރުގެ މަޤާމަށް ޒަރީރު އައްޔަންކުރައްވާފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.













