އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، މި އަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވެސް ބައްލަވާލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިގުތިސާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ، މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން، ތަރައްގީގެ މަޝްރޫއުތަކާއި، އިގްތިސާދު ސިންދަފާތުކޮށް ގައުމަށް ފައިދާ ހުރި މަޝްރޫއުތަކަށް ރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަގީންކަން ދެއްވައިފައެވެ. މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމަށް ވެސް ފައިދާހުރި ކަންކަމުގައި، ދެ ގައުމުން އެކީގައި މަސައްކަތްކުރަން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވަމުންނެވެ.












