ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީތެރިކަން ހޯދާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށާއި އެގޮތުން 45،000 އަށްވުރެ ގިނަ މީހުން މާލެ ސަރަހައްދުން ނަފްސާނީ އެހީތެރިކަން ހޯދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަފްސާނީ އެހީތެރިކަން ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ސަރުކާރުން މިހާރު ވަނީ ހުޅުމާލޭގައި ނަފްސާނީ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ނިންމައިފައެވެ. މި ހޮސްޕިޓަލް އިމާރަތްކުރުމަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހޮސްޕިޓަލް ހުޅުމާލޭގައި ތަރައްގީކުރުމަށް ނިންމި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިިސްޓަރު ވިދާޅުވީ، ނަފްސާނީ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކުރަންވާނީ އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެންމެ ފަސޭހައިން ލިބެން ހުރި ސަރަހައްދެއްގައި ކަމަށެވެ. މި ވަގުތުގެ ހާލަތަށް ބަލާއިރު އެފަދަ ވަސީލަތްތަކާއި ފަންނީ މީހުން އެންމެ ގިނައިން ތިބީ މާލެ ސަރަހައްދުގައި ކަމަށްވާތީ، މިއީ އެންމެ އެކަށީގެންވާ ނިންމުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް ލިބިގެންދާނެ ބޮޑު ލުޔަކަށްވެގެންދާނެއެވެ.













