2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އޮސްޓްރިއާގެ މައްޗަށް 2-0 އިން ކުރިހޯދައި، މުބާރާތުގެ ގަދަ 32 ގެ ބުރުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. އެމެރިކާގެ ޓެކްސަސްގައި ހުންނަ ޑާލަސް ކައުބޯއީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ.
މި މެޗުގައި މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެރި ރެކޯޑް އަމިއްލަ ކޮށްފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 16 ލަނޑާއެކު ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އަތުގައެވެ. ނަމަވެސް ރޭގެ މެޗަށްފަހު މެސީ ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ 18 އަށް އަރާފައެވެ.
މި މެޗުގެ 9 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޮސްޓްރިއާގެ އޭރިއާ ތެރެއިން ލައުޓާރޯ މާޓިނޭޒްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ އަމީން މުޙައްމަދު ދިން ޕެނަލްޓީ މެސީ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި އޮސްޓްރިއާގެ ޑޭވިޑް އަލާބާ ވަނީ މެސީ ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. މިއީ ފަކުންޑޯ މެދީނާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އާޖެންޓީނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ޖޫލިއަން އަލްވަަރޭޒް ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު، މެސީ ވަނީ އޮސްޓްރިއާގެ ހަތަރު ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން އުމުރުން 38 އަހަރުގެ މެސީ ބުނީ، މި މޮޅާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.
”މިއީ ވަރަށް ވާދަވެރި، ވަރުގަދަ މެޗެއް. ހަ ޕޮއިންޓާއެކު އަވަހަށް ކޮލިފައިވުމަކީ ކުރިއަށް ހުރި މެޗުތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،“ މެސީ ބުންޏެވެ.
މި ނަތީޖާއާއެކު އާޖެންޓީނާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. މިއީ މި މުބާރާތުގެ ތަށި ދިފާއުކުރުމަށް ނުކުމެފައިވާ އާޖެންޓީނާއަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.













